15 Apr 2014, 11:46
ޖަރުމަން ބުންޑަސްލީގާގައި ބޮރޫސިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ބްރެޒިލް ފުލް ބެކް ރަފީނިއާ އަށް ދެއްކި ރަތް ކާޑާ ގުޅިގެން އޭނާ އަށް ތިން މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުން ޖަރުމަން ޗެމްޕިއަން ބަޔާންގެ ރަފީނިއާ އަށް ރަތް ކާޑު ދެއްކީ ޑޯޓްމަންޑްގެ ހެންރިކް މިކިތަރިޔަން އަށް ދެވަނަ ހާފުގެ އިތުރު ވަގުތު ކޮޅުގައި ކުރި ނުރައްކާތެރި ފައުލާއި ގުޅިގެންނެވެ. ޑޯޓްމަންޑާ ދެކޮޅަށް މި ސީޒަނުގެ ލީގު ކަށަވަރުކުރި ބަޔާން ބަލިވީ 3-0 ލަނޑުންނެވެ.
ރަފީނިއާ އަށް ޖަރުމަން ފުޓްބޯޅަ އެސޯސިއޭޝަން (ޑީއެފްބީ) އިން ފިޔަވަޅު އެޅީ ރަތް ކާޑު ދައްކަން މެދުވެރިވި ސަބަބަށް ބަލައިފަ އެވެ. އެ މައްސަލަ ބެލުމަށް ފަހު، ތިން މެޗުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުނު ރަފީނިއާ އަށް ޖަރުމަން ލީގުގައި އެންޓްރެޗްޓް ބޮރައިންޝެކްވީގް އާއި ވާޑާ ބްރެމެން އަދި ހެމްބާގާއި ދެކޮޅަށް ބަޔާން ކުޅޭ މެޗުތަކުގައި އޭނާ އަށް ބައިވެރިއެއް ނުވެވޭނެ އެވެ.
"ރަފީނިއާ އަށް ދެއްކި ރަތް ކާޑާ ގުޅިގެން އޭނާ އަށް ތިން މެޗުގެ ސަސްޕެންޝަނަކާ ވަނީ ކުރިމަތިލާން ޖެހިފަ،" ބަޔާނުގެ ރަސްމީ ޓްވިޓާ އެކައުންޓްގައި ބުންޏެވެ.
ބަޔާނުގެ ގޯލްކީޕަރު މެނުއެލް ނޯޔާ އަށް ޖަރުމަން ކަޕުގެ ސެމީ ފައިނަލުގައި އަންނަ މާދަމާ ކައިސާސްލައުޓާންއާ ދެކޮޅަށް ކުޅޭ މެޗަށް ފިޓްވާނެ ކަމުގެ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ޖަރުމަން ގޯލްކީޕަރު ދަނީ ފިޓްވުމުގެ ގޮތުން ޓީމާ ވަކިން ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.