15 Apr 2014, 11:39
ރާއްޖެ އެތެރެ ކުރުން މަނާ ޖަނަވާރުތަކެއް ކަމަށް ބުނެ، މާލެ ތެރޭ ގެންގުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖަނަވާރުތައް ޑިފެންސް މިނިސްޓްރީން މަރާލައިފި އެވެ.
ފުލުހުން ބުނީ، އެހުރިހާ ޖަނަވާރެއް އާދިއްތަ ދުވަހު އެމްއެންޑީއެފާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، ޑިފެންސް މިނިސްޓްރީން އެހުރިހާ ޖަނަވާރެއް މަރާލާފައިވާ ކަމަށެވެ. ނަމަވެސް އެތަކެތި މަރާލާފައި ވަނީ ކިހިނެތް ކަމެއް އެމްއެންޑީއެފަކުން ނުބުނެ އެވެ. އަދި އެތަކެތި މަރާލާފައި ވަނީ ކޮން ރަށެއްގައި ކަމެއް ވެސް ހާމައެއްނުކުރެ އެވެ.
"އެތަކެތި މިހާރު ވަނީ ޑިފެންސް މިނިސްޓްރީން ނައްތާލާފައި،" އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން ކެޕްޓަން އަލީ އިހުސާން ވިދާޅުވި އެވެ.
ފުލުހުން ބުނެފައިވަނީ މާލެތެރޭ ނުރައްކާތެރި ޖަނަވާރުތައް ގެންގުޅެތީ ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖަނަވާރުތަކުގެ ތެރޭ 11 އިގުއާނާއި ހަރުފައަކާއި ފައިދިގު މަކުނަކާއި ޝުގާ ގްލިޑާ އަކާއި ބަކަމޫނަކާއި މުގޮށިމީދަލަކާއި 105 މީދާ ހިމެނޭ ކަމަށެވެ.