26 Dec 2010, 05:05
އައިވަރީ ކޯސްޓްގެ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވެފައިވާ ނަމަވެސް އެޤައުމުގެ ރައީސް ކަމުން ފޭބުމަށް ދެކޮޅު ހައްދަވާ ރައީސް ލޮރަން ބަގްބޯ މަޤާމުން ދުރުކުރުމަށް ޓަކައި ބާރުގެ ބޭނުން ކުރަންޖެހިދާނެކަމުގެ އިންޒާރު އެފްރިކާގެ ފަނަރަ ޤައުމަކުން ދީފިއެވެ. ހުޅަނގު އެފްރިކާގެ އިޤްތިސާދީ ޖަމްޢިއްޔާ "އިކުވާސް" ގައި ހިމެނޭ ފަނަރަ ޤައުމުގެ އިސްވެރިން ނައިޖީރިޔާގެ ވެރިރަށް އަބޫޖާ ގައި ބައްދަލުކުރެއްވުމަށްފަހު ވިދާޅުވީ މަޤާމުން ފައިބާ ވަޑައިގަތުމަށް ދެންނެވުމަށް ރައީސް ބަގްބޯ އަރިހަށް އެޖަމްޢިއްޔާގެ މަންދޫބަކު ދާދިއަވަހަށް ފޮނުވާނެ ކަމުގައެވެ. އަދި މިދެންނެވުމަށް ރައީސް ބަގްބޯ ތަބާވެވަޑައިނުގެންފިނަމަ ބާރުގެ ބޭނުންކޮށްގެން އޭނާ މަޤާމުން ދުރުކުރާނެކަމަށް މި ފަނަރަ ޤައުމުގެ ވެރިން ނެރުއްވި ބަޔާނެއް ބުނެއެވެ. މިފަދަ ޙާލަތެއްގައި، ރައީސް ބަގްބޯ މަޤާމުން ދުރުކުރުމަށްޓަކައި "އިކުވާސް" ގެ ޤައުމުތަކުގެ ލަޝްކަރެއް އައިވަރީ ކޯސްޓަށް ފޮނުވާނެ ކަމުގެ އިންޒާރުވެސް "އިކުވާސް" ގެ ޤައުމުތަކުގެ ވެރިންގެ ސަމިޓުން ނެރުނު ބަޔާނެއް ބުނެއެވެ. އދ. ންވަނީ އައިވަރީ ކޯސްޓްގެ ރައީސަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ލީޑަރ އެލްސާން ވުތާރާ ކަމަށް އިޢްތިރާފްވެފައެވެ.