ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިއަކު ސީޝެލްސްގެ ފުރަތަމަ ޑިވިޒަންގެ ޓީމެއް ކަމަށްވާ ނޮދާން ޑައިނަމޯ އަށް ސޮއި ކޮށްފި އެވެ.

ނޮދާން ޑައިނަމޯ އަށް ކުޅުމަށް ސޮއިކުރި ކުޅުންތެރިއަކީ ޅ. ހިންނަވަރަށް އުފަން އަބްދުﷲ ޔައުގޫބެވެ.

ނޮދާން ޑައިނަމޯއިން މީގެ ކުރިން ވަނީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ މިޑްފީލްޑަރު ހަސަން އަދުހަމް (ސަޑޭ) ވެސް އެޓީމަށް ގެންދިއުމުގެ ގޮތުން ން ޓްރެއިން ކޮށްފައެވެ. އެހެން ނަމަވެސް ސަޑޭ އެ ކްލަބަށް ސޮއި ކޮށްފައެއް ނުވެއެވެ.

އަބްދުﷲ ޔައުގޫބްއާ ބެހޭ ގޮތުން ނޮދާން ޑައިނަމޯއިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ، ޔައުގޫބް އަކީ މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށާއި އޭނަގެ ކިބައިގައި ފުޓްބޯޅަ ކުޅުމުގައި ހުންނަން ޖެހޭ ހުނަރު އެންމެ ފުރިހަމަ އަށް އެބަހުރި ކަމަށެވެ. އަދި ޔައުގޫބާއެކު އެޓީމަށް ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމަށްވެސް ނޮދަން ޑައިނަމޯއިން ބުނެފައިވެ އެވެ.

"ޔައުގޫބަކީ ހިލޭ ޖެހުންތަކަށް ހާއްސަ ކުޅުންތެރިއެއް. ޔައުގޫބް ފާއިތުވި ދުވަސްތަކުގައި ހުރީ އަނިޔާގައި. އެކަމަކު ޔައުގޫބް މިހާރު އަންނަނީ ޓީމުގެ މެޑިކަލް ޓީމާއެކު އަނިޔާއަށް ފަރުވާ ހޯދަމުން" ނޮދަން ޑައިނަމޯއިން ނެރުނު ބަޔާނުގައި ވެއެވެ.

ޅ. ކުރެއްދޫ ރިސޯޓުގައި ވަޒީފާ އަދާކުރަމުންއައި ޔައުގޫބަކީ އެރިސޯޓުގައި އެންމެ ފަހުން ބޭއްވި ފުޓްބޯޅަ މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ.

ނޮދާން ޑައިނަމޯ ވަނީ މިއަހަރުގެ ފެބްރުއަރީ މަހު މާލޭގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން އެޓީމު ދެ މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ވާދަކޮށް އެޓީމް ވަނީ 3-1 ބަލިވެފަ އެވެ. އަދި ދެވަނަ މެޗުގައި ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސްއާ ވާދަކޮށް ނޯދާން ޑައިނަމޯ ވަނީ 3-1 ލަނޑުން މޮޅުވެފަ އެވެ.