15 Apr 2014, 11:26
މެލޭޝިއާ ފްލައިޓް އެމްއެޗް 370 ގެ ކަޅުފޮށީގެ ސިގްނަލްއެއް ނުލިބޭތާ ހަ ދުވަސްވުމަށް ފަހު، ފްލައިޓް ހޯދުމަށްޓަކައި ޑްރޯން ބޭނުންކުރަން ފަށައިފި އެވެ.
އޮސްޓްރޭލިއާގެ ބޯޓުތަކުން ކަނޑުއަޑި ހޯދުމަށް ޓަކައި ފޮނުވި ބްލޫފިން-21 ނަމަކަށް ކިޔާ ޑްރޯންއަކީ 4.8 ކިލޯމީޓަރު އަޑި ހޯދުމުގެ ގާބިލްކަން ހުރި އަމިއްލަ ބާރުގެ ދަށުން މަސައްކަތްކުރާ ރޮބޯޓިކް ވެހިކަލް އެކެވެ. އޭގެން ސްކޭންކޮށް ކަނޑު އަޑީގައި ހިމެނޭ ހަރަކާތްތަކާއި އެއްޗެހި ސްކޭން ކޮށްދެ އެވެ.
"ކަޅުފޮށީގެ އެއްވެސް ސިގްނަލެއް ނުލިބޭތާ މިހާރު ހަ ދުވަސް ފާއިތުވެގެން ގޮސްފި، އެހެންކަމުން އަހަރެންނަށް ހީވަނީ ކަނޑުއަޑި ހޯދުމުގެ މަސައްކަތް ފަށަން ވެއްޖެހެން،" ޖޮއިންޓް އެޖެންސީ ކޯޑިނޭޝަން ސެންޓަރުގެ ޗީފް ކޯޑިނޭޓަރު އަދި އޮސްޓްރޭލިއާގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ރިޓަޔާޑް އެއާޗީފް މާޝަލް އެންގުސް ހައުސްޓަން ވިދާޅުވި އެވެ.
ހައުސްޓަން ވިދާޅުވީ، ކުރިން ސިގްނަލްތައް ލިބުނު ސަރަހައްދުތައް އިތުރަށް ހޯދާނެ ކަމަށާއި ޑްރޯންއާ ދެމެދު މުއާމަލާތްކުރާ ސްވިޗުން އޮޓޯ އިން ނަތީޖާ ނުދައްކާނެ ކަމަށެވެ.
"ކުރިން ސިގްނަލްތައް ލިބުނު ސަރަހައްދުތައް އިތުރަށް ހޯދާނަން. ނަމަވެސް މިހާރު އެ ސަރަހައްދުތަކުން ހޯދާ ހިސާބުތައް ވާނީ ކުޑަކޮށްލެވިފަ. މިހާރު ބޭނުންކުރާ ވެހިކަލް ބްލޫފިންގެ ނަތީޖާ އޮޓޯއިން ނުދައްކައިފާނެ. މިަކަމަށް ގިނަ ވަގުތުތަކެއް ހޭދަވެދާނެ،" އޭނާ ވިދާޅުވި އެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މަހު އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.