15 Apr 2014, 11:08
ދިވެހިބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް ފުރިހަމައަށް ޢަމަލު ކުރެއްވުމަށް، ދައުލަތުގެ އެންމެހާ މުއައްސަސާތަކަށާއި ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރައްވާފައި ވަނީ، ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ޖަމްޢިއްޔާ ކަމުގައިވާ ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ފާހަގަކުރައްވަމުން ގެންދަވާ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި އެ ޖަމްޢިއްޔާ އިން ރޭ ބޭއްވެވި ޖަލްސާއަށް ފޮނުއްވި ޚިޠާބެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސްކަން ފާހަގަކުރައްވާފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، އަޅުގަނޑުމެންގެ ތަރައްޤީގެ ހުރިހާ ނާރެހެއްގައި މަސައްކަތްކުރަނީ ދިވެހިބަހުގެ ވާސިޠާއިންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެ މި އޮތް އިސްލާމީ ވަޙުދަތުގެ އެންމެ މުހިންމު ވަސީލަތަކީ ދިވެހިބަހެވެ. ދިވެހިބަހަކީ އިޖުތިމާޢީ ހަމަޖެހުމާއި އިޤްތިޞާދީ ކުރިއެރުން ދިވެހި ޤައުމަށް ގެނެސް ދިނުމުގެ އެންމެ މުހިންމު ބައިވެރިޔާ އެވެ. ދިވެހިބަހަކީ ދިވެހި ޤައުމިއްޔަތުގެ އެއް ޝަރަފެވެ. އެހެންކަމުން، ދިވެހިބަހަށް އިސްކަންދިނުމަކީ ދިވެހިންގެ މައްޗަށް އޮތް އިޖުތިމާޢީ ވާޖިބެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، "ދިވެހިބަހުގެ ދުވަސް" ފާހަގަކުރެއްވުމަށް އިސްނެންގެވީތީ ލިޔުންތެރިންގެ ގުޅުމުގެ ހިންގުންތެރިންނަށާއި އެންމެހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރު އަދާކުރައްވާފައިވެ އެވެ.