15 Apr 2014, 10:45
ސްޓޮކްހޮމް (އެޕްރީލް 15) : ރަޝިޔާ އިން ދިފާއީ ބަޖެޓް ބޮޑުކޮށް އަސްކަރީ ކަންކަމަށް ކުރާ ޚަރަދުތައް އިތުރުކޮށްފި ކަމަށް ކަމާ ބެހޭ ދިރާސާ ރިޕޯޓެއް ބުނެފި އެވެ.
ދުނިޔޭގެ ގައުމުތަކުގެ އަސްކަރީ އަދި ދިފާޢީ ހަރަކާތްތަކާއި ޚަރަދުތައް ބަލައި ދިރާސާކުރާ ދިރާސާ މަރުކަޒެއް ކަމަށްވާ "ސްޓޮކްހޮމް އިންޓަނޭޝަނަލް ޕީސް ރީސާޗް އިންސްޓިޓިއުޓް" (ސިޕްރީ) އިން ބުނީ ފާއިތުވި އަހަރު ރަޝިޔާ އިން އެގައުމުގެ ދިފާޢީ ބަޖެޓް 4.8 އިންސައްތައަށް ބޮޑުކޮށްފައިވާ ކަމުގަ އެވެ. ޔުކްރޭންގެ މައްސަލައާ ގުޅިގެން ހުޅަނގާއި ރަޝިޔާއާ ދެމެދު ކުރިމަތިލުންތައް އުފެދިފައިވާ މިދަނޑިވަޅުގައި ރަޝިޔާ އިން އެގައުމުގެ ދިފާއީ ބަޖެޓް 88 ބިލިޔަން ޑޮލަރަށް އިތުރުކޮށްފައިވާ އިރު ނަމަވެސް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކާ ގުޅިގެން އެގައުމުތަކުގެ އަސްކަރީ ބަޖެޓް މިއަހަރު ވަރަށް ބޮޑުތަން ކުޑަކޮށްފައިވާ ކަމަށް ވެސް "ސްޓޮކްހޮމް އިންޓަނޭޝަނަލް ޕީސް ރީސާޗް އިންސްޓިޓިއުޓް" އިން ނެރުނު ދިރާސާ ރިޕޯޓް ބުނެ އެވެ.
އަދި ރަޝިޔާ ގެންދަނީ އެގައުމުގެ ލަޝްކަރުތަކުގައިވާ ބާ ހަތިޔާރުތައް ޒަމާނީ ޓެކްނޮލޮޖީގެ ހަތިޔާރުތަކަށް ބަދަލުކުރުމަށް ޓަކައި އިތުރު 77 ބިލިޔަން ޑޮލަރުގެ މަޝްރޫއެއް ތަންފީޒުކުރަމުން ކަމަށް ވެސް މިރިޕޯޓް ބުނެ އެވެ. (ރޮއިޓާސް)