15 Apr 2014, 10:39
އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖްކަޕްގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކަށް ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭގެ) ރިލީސް ވީހާވެސް އަވަހަކަށް ލިބޭތޯ ބެލުމަށް ގައުމީ ޓީމުގެ މެނޭޖަރު އަހުމަދު މަހުލޫފް (މަހޭ) ރޭ މެލޭޝިއާއަށް ފުރައިފިއެވެ.
ގައުމީ ކެޕްޓަން އަލީ އަޝްފާގް މިހާރު ކުޅެމުން އަންނަނީ މެލޭޝިއާގެ ދެ ވަނަ ޑިވިޝަންގެ ޕީޑީއާރްއެމްއަށެވެ.
މަހުލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، ދަނގަޑޭގެ ރިލީޒް ހޯދުމަށް މެލޭޝިއާއަށް ކުރާ ދަތުރުގައި އޭނާ ކުޅެމުން އަންނަ ޓީމްކަމަށްވާ ޕީޑީއާރްއެމްގެ ކޯޗާއި އޮފިޝަލުންނާ ވާހަކަ ދައްކަވާނެ ކަމަށެވެ.
ޕީޑީއާރްއެމް ލީގުގައި މިހާތަނަށް 12 މެޗު ކުޅެފައިވާއިރު ދަނގަޑޭ ވަނީ މިހާތަނަށް 12 ގޯލް އެޓީމަށް ޖަހައިދީފަ އެވެ.
ފީފާ ގަވާއިދު ބުނާ ގޮތުން ކްލަބަކަށް ކުޅެމުން އަންނަ ކުޅުންތެރިއެއް ގައުމީ ޓީމުގެ މުބާރާތަކަށް ދޫކުރަން އޮންނަނީ މުބާރާތް ފެށުމުގެ 14 ދުވަސް ކުރިންނެވެ.
މިފަހަރުގެ ޗެލެންޖްކަޕަށް ގައުމީ ޓީމުން ވަނީ 32 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވައިލައި، ފަރިތަކުންތައް ވެސް ފަށައިފައެވެ.
ޗެލެންޖު ކަޕް ހުޅުވާ މެޗުގައި، މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެއާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާއިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.