15 Apr 2014, 10:36
އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ބޭނުންވާ ކަމަށް ސާފް ޗެމްޕިއަންޝިޕް ތަށި 2008 ވަނަ އަހަރު ރާއްޖެއަށް ހޯދައިދިން ލަނޑު އިންޑިއާ ކޮޅަށް ޖެހި ހުނަރުވެރި ފޯވާޑް މުހްތާރު ނަސީރު (ޓޫކިލޯ) ބުނެފި އެވެ.
ސަން އޮންލައިނާ ވާހަކަ ދައްކަމުން މުހުތާރު ބުނީ، ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ ސީޝެލްސްއާ ދެކޮޅަށް ރަހުމަތްތެރި ކަމުގެ ތިންމެޗެއް ކުޅުމަށް ގައުމީ ޓީމުން ތައްޔާރީތައް ވުމަށް ޓަކައި މާލޭގައި ކުރި ޕްރެކްޓިސް މެޗެއްގައި ބަނޑަށް ލިބުނު އަނިޔާއިން އަދި ވެސް މުޅިން ފިޓްނުވާ ކަމަށެވެ. އަދި އޭނގެ ފަހުން ދޭތެރެ ދޭތެރެއިން ބަނޑަށް ތަދުވަމުން އަންނަ ކަމަށް ޓޫކިލޯ ބުންޏެވެ.
"ޗެލެންޖްކަޕަށް ނެގި ސްކޮޑުގައި ހިމެނުނު ކަމުގައި ވިޔަސް އަހަރެން އެހާ ފިޓެއްނޫން. ގައުމީ ޓީމުގެ ޑޮކްޓަރުވެސް ލަފާދެނީ ރެސްޓު ކުރަން. ފުޓްބޯޅައާ ދުރައްދާން ވެސް މިހާރު ބޭނުން. މިހާލަތުގަ ހުރެގެން ރަނގަޅު ކުޅުމެއް ނުދެއްކޭނެ. ޗެލެންޖް ކަޕަށް ފަހު ގޮތެއް ނިންމާނަން،" ޓޫކިލޯ ބުންޏެވެ.
މިދިޔަ ސީޒަންގައި ކްލަބް ވެލެންސިޔާއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އަށް ކުޅުމަށް ފަހު މިއަހަރުގެ ސީޒަންގައި ޓޫކިލޯ ކުޅެމުން އަންނަނީ ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށެވެ. އެގޮތުން ނިއުއަށް ކުޅުމަށް ޓޫކިލޯ އެއްބަސް ވެފައި ވަނީ ދެ އަހަރު ދުވަހަށެވެ.
ޓޫކިލޯ ވަނީ 2012 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓަލިކަން އިއުލާންކޮށްފަ އެވެ. އެފަހަރު ޓޫކިލީ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އާއިލީ ބައެއް ސަބަބުތަކާއި ގައުމީ ޓީމަށް ދޭންޖެހޭ ވަގުތު ދިނުމުގައި ދަތިތަކެއް ހުރިކަމަށް ބުނެ އެވެ.