ތުރުކީގައި ބާއްވާ ބައިނަލްއަގުވާމީ ކުޑަކުދިންގެ ފެސްޓިވަލްއެއްގައި ބައިވެރިވުމަށް ރާއްޖޭގެ 13 ދަރިވަރަކު ފުރައިފި އެވެ.

އެޑިއުކޭޝަނުން ބުނީ މި މަހުގެ 15 އިން 25 އަށް ކުރިއަށްދާ ފެސްޓިވަލުގައި ބައިވެރިވުމަށް ރާއްޖެ އިން 13 ކުއްޖަކާ އެކު ދެ އޮފިޝަލަކު ވެސް ބައިވެރިވާނެ ކަމަށެވެ.

ދަތުރުގައި ބައިވެރިވާ ހުރިހާ ކުދިން ވެސް ޓިކެޓް ހަމަޖައްސާފައި ވަނީ އެ ކުދިން އަމިއްލަ އަށް ކަމަށާއި އަދި ގަތަރު އެއާވޭސް އިން އެ ކުދިންގެ ޓިކެޓްތައް ހާއްސަ ފެއާއެއްގެ ދަށުން ދޫކޮށްފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

މާލޭގެ ހަ ސުކޫލަކުންނާއި އަތޮޅުތެރޭގެ ތިން ސުކޫލަކުން އެ ދަތުރުގައި ބައިވެރިވާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބުދުﷲ ނަޒީރު ވަނީ އިއްޔެ ބައްދަލުކުރައްވާފަ އެވެ. އެގޮތުން އެހެން ގައުމުތަކުން އެ ފެސްޓިވަލުގައި ބައިވެރިވާ ކުދިންނާ އެކު ގުޅުން ދަމަހައްޓާ ދިވެހިންނަކީ މުސްލިމުންކަން ހަނދާންކޮށްގެން އުޅުމަށް ނަސޭހަތްތެރިވެލެއްވި އެވެ. އަދި މައިންބަފައިން ކޮށްދޭ ކަންތައްތައް އަބަދުވެސް ހަނދާންކުރަންވާނެ ކަމަށް ވެސް ޑރ. ނަޒީރު ވިދާޅުވި އެވެ. ތުރުކީއަށް ގޮސް އުޅޭ އުޅުމުގައި ދަސްވާ ކަންތައްތަކާއި ކުރެވޭ ތަޖުރިބާ އެނބުރި ރާއްޖެ އައިސް އެހެން ކުދިންނާ ހިއްސާ ކުރުމަށް ވެސް އެކުދިންގެ ކިބައިން ނަޒީރު އެދިވަޑައިގަތެވެ.

އެޑިއުކޭޝަނުން ބުނީ އެ ފެސްޓިވަލްގެ މައިގަނޑު ބޭނުމަކީ އެކިއެކި ގައުމުތަކުގެ ސަގާފަތްތައް ދަސްކޮށް އެއްގައުމު އަނެއް ގައުމުގެ ސަގާފީ ތަފާތުތައް ބަލައިގަނެ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުމާއި ލޯބި ކުޑަކުދިންގެ ހިތްތަކުގައި އަށަގެންނެވުމަށް މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ދަރިވަރުންގެ ފަރާތުން ވެސް ސަގާފީ އައިޓަމްތަކެއް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.