15 Apr 2014, 10:06
"މިއުޅެނީ ވަރަށް ބޮޑު ކަމަކާއި ލައިގަނެގެން. މިހާރު އެބަޖެހޭ ފޯނުބިލަށް މުސާރާގެ ދެބައިކުޅަ އެއް ބައި ހަރަދުކުރަން. ގިނައިން ފޯނު ކުރަނީއެއް ވެސް ނޫން. މި ވާހަކަ ކަލޭމެން ދައްކަބަލަ،" ފޯން ބިލް ބޮޑުވެގެން އެ ޝަކުވާ "ސަން" އާއި ހިއްސާކުރި މީހަކު ބުންޏެވެ.
ފޯނު ބިލު ބޮޑުވުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. ހާއްސަކޮށް ނޭނގި ފޯންބިލު ބޮޑު ވުމެވެ. އާންމުކޮށް ފޯނުކުރާ މިންވަރަށް ފޯނުކޮށްކޮށް ހުއްޓާ ބިލް ކުއްލިއަކަށް މާ ބޮޑުވެގެން ދިއުމެވެ. މިކަމަކީ ގިނަ ބަޔަކު ހައްލެއް ބޭނުންވާ ކަމެކެވެ. ސަން އިން ވަނީ ކިޔުންތެރިންގެ ހޭލުންތެރިކުރުމަށް އެފަދަ މައްސަލަތަކާއި ގުޅިގެން ރާއްޖޭގެ މުއާސަލާތީ ހިދުމަތްދޭ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫގެ ބަހެއް ހޯދައިފަ އެވެ.
ނޭނގި ފޯނު ބިލު ބޮޑުވުމުގެ ޝަކުވާ ލިބޭ ކަމަށް ދިރާގުން ވެސް ބުނެ އެވެ. އެ ކުންފުނީގެ މެނޭޖަރ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ، ދިރާގުން ބިލުކޮށްފައި ހުންނާނީ "އެނގިގެން ނަމަވެސް ނޭނގި ނަމަވެސް ބޭނުންކޮށްފައި ހުރި ހިދުމަތަކަށް" ކަމަށެވެ.
"މިހާރު ގިނައިން މިހުންނަނީ ސްމާޓް ފޯނު. އެފޯނުތަކަކީ ވަރަށް ޑޭޓާ ހަންގުރީ ޑެވައިސްތަކެއް. އެހެންވީމާ އެ އެޕްލިކޭޝަންތައް މިހުންނަނީ ނޭނގި ނަމަވެސް އެޕްލިކޭޝަންތައް އަޕްޑޭޓް އަށް ޖެހިފައި. އެހެން ވުމުން ވެސް ބިލް އެބަ ބޮޑުވޭ،" މިރުޝާން ވިދާޅުވި އެވެ.
ދިރާގުން ބުނާ ގޮތުން ނަމަ އެކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން "ނޭނގި ބިލްބޮޑުވާ" މައްސަލަ ބޮޑު ބަޔަކަށް ދިމާވެފައި ވަނީ ޑޭޓާ ބޭނުން ކުރިވިގެންނެވެ. އަދި އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ދިރާގުން ތަފާތު ޑޭޓާ ޕެކޭޖްތަކެއް ވަނީ ތައާރަފް ކޮށްފަ އެވެ.
ބިލު ބޮޑުވާ މައްސަލައިގައި އުރީދޫ އިން ވެސް ބުނީ ހަމަ އެއް ވާހަކަ އެވެ. އުރީދޫގެ ސީނިއާ ސްޕެޝަލިސްޓް، ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހުމަދު ދީދީ ކަސްޓަމަރުން ބޭނުން ކުރާ ފޯނާއި ފޯނު ބޭނުން ކުރާ ގޮތް ވެސް މިހާރު ބަދަލުވެފައިވާ ކަމަށެވެ.
"މިހާރު ކަސްޓަމަރުން މޯބައިލް ލައިފްސްޓައިލް މިވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައި. ސްމާޓު ފޯނު އާންމުވެގެން ދިއުމުން ކުރިން މޯބައިލް ބޭނުންކުރާ ގޮތާއި މިހާރު ބޭނުންކުރާ ގޮތާ ވަރަށް ތަފާތު. އެހެންވީމާ، ސްމާޓު ފޯނެއް ބޭނުންކުރާ ފަރާތަކުން ރަނގަޅު އިންޓަނެޓް ޕެކޭޖެއް ނުނަންގަވާ ބޭނުންކުރާ ނަމަ، ބިލް ބޮޑުވުމުގެ މައްސަލަ ދިމާވެފައި އެބަހުރި."
"ނަމަވެސް މިހާރު، ސްމާޓު ފޯނުތައް މިވަނީ އާންމުވެފައި، އިންޓަނެޓަށް 24 ގަޑިއިރު ކަނެޓްވެފައި ހުންނަން އެބަ ބޭނުންވޭ. އަބަދު ރަން ކުރާ އެޕްސްތަކާއި ތަފާތު މެސެންޖާ އެޕްސްތައް މިވަނީ އެ އާއި ނުލައި މުއާމަލާތު ނުކުރެވޭ ފީޗާސްތަކަށް ވެފައި،" ވިދާޅުވި އެވެ.
މަރިޔަމް ވިދާޅުވި ގޮތުގައި އުރީދޫ އިން އެފަދަ ކަންކަން ދެނެގަނެ، ހަރަދުކުޑަ ޑޭޓާ ޕެކޭޖުތަކެއް މިހާރު ތައާރަފްކޮށްފައިވާ ކަމަށެވެ. އެގޮތުން ބޮޑު އެލަވަންސްއަކާ އެކު ތައާރަފްކުރި މޯބައިލް ޑޭޓާ ޕެކޭޖުތަކުގެ ސަބަބުން މިހާރު ކަސްޓަމަރުންނަށް ހަރަދު ކުޑަ ގޮތެއްގައި އަބަދުމެ އިންޓަނެޓް އެންމެ ހަލުވި ސްޕީޑުގައި ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ފޯސްޓްޕެއިޑު ޕެކޭޖުތަކުގައި ވެސް ކޮންމެ މަހަކު ޑޭޓާއަށް ހާއްސަ އެލަވަންސްތައް ހިމެނޭ ގޮތަށް މިވަނީ އުރީދޫ އިން ބަދަލު ގެނެސްފައި. އަދި މީގެ ސަބަބުން ފޯނުގެ ހަރަދު ކުޑަވެގެން ގޮސްފި. އަދި އާންމުކޮށް ބިލްބޮޑުވެގެން ކުރާ ޝަކުވާތައް މިހާރު ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައި،" މަރިޔަމް ވިދާޅުވި އެވެ.
ގިނައިން ޑޭޓާ ބޭނުން ކުރެވުމުގެ އެހެން ސަބަބެއް ވެސް އެބަ އޮތެވެ. ކުޑަކުދިންގެ އަތަށް ބައެއް ފަހަރު ފޯނު ދެވުމުން އެކުދިން ބޭނުންވާ ގޭމުތައް ޑައުންލޯޑް ކުރުމާއި ސެޓިންނަށް ބަދަލުތައް ގެނެސް ޑޭޓާ އިން ކުރެވޭ ހޭދަ ބޮޑުވެގެންދާ ފަހަރު ވެސް އާދެ އެވެ.
"އެއް ފަހަރެއްގައި މަގޭ ފޯން ބިލް ބޮޑުވެގެންވީ ގޮތެއް ނޭނގި ބެލި އިރު ދަރިފުޅު އޮތީ ފިލްމެއް ޑައުލްލޯޑްކޮށްލާފައި. މަ ޕެކޭޖެއް ވެސް ނުނަގާއިން މަހެއްގައި އެހެން ހެދީ ވެސް،" ފާތުމަތު، 29، ބުންޏެވެ.
ދިރާގާއި އުރީދޫ އިން އިން ބުނާ ގޮތުން ނަމަ ގިނަ ފަހަރަށް ކަސްޓަމަރަށް ނޭނގި ބިލު ބޮޑުވާން ދިމާވާ މައްސަލައަކަށް ވެފައި ވަނީ އޮޓޯއިން ޑޭޓާ ބޭނުންކުރެވުމެވެ. އެހެންކަމުން އެކަމަށް ކަސްޓަމަރުން ސަމާލުވާން ޖެހެ އެވެ. އެފަދަ މައްސަލަތައް ހައްލުކުރަން ވަރަށް ފަސޭހަ ގޮތްގޮތް ހުރެ އެވެ.
"މައި ޑޭޓާ މެނޭޖާ" ފަދަ އެޕްލިކޭޝަންތަކަކީ އެފޯނަކުން ޑޭޓާ ބޭނުންކުރެވޭނެ މިންވަރު އަންގައިދީ މެނޭޖްކުރަން އެހީވެދޭ އެޕްލިކޭޝަން ތަކެވެ. އެފަދަ އެޕްލިކޭޝަންތަކުން ޑޭޓާ އަށް ކުރެވޭ ބޭކާރު ހަރަދު ހުއްޓާލެވިގެންދާނެ އެވެ. އަދި މިހާރުގެ ގިނަ ސްމާޓް ފޯންތަކުގެ ސެޓިންތަކުން ޑޭޓާ ބޭނުންކުރެވޭ މިންވަރު ކޮންޓްރޯލް ކުރެވެ އެވެ.