ޓެކްސީ ކުރުމާއި ބެހޭ ގަވާއިދުގެ ދަށުން މިއަދުން ފެށިގެން ފިޔަވަޅު އަޅަން ފަށައިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

އެގަވައިދަށް އަމަލުކުރަން ފުލުހުން ފަށާފައިވީ ނަމަވެސް ދިއްލޭ ބޯޑް ހަރުކުރުމުއްދަތު ވަނީ އަންނަ މަހުގެ 15ގެ ބިޔަލަށް ފަސްކޮށްފަ އެވެ.

"މި މާއްދާއަށް އަމަލުކުރުން ފަސްކޮށްފައިވާ އިރު ޓެކްސީ ކުރުމާ ބެހޭ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އާއި (ބ) ގެ އިތުރުން 11 ވަނަ މާއްދާގެ (ހ) ގެ 2، 6،5،3، އަދި 8،7 ގެ ދަށުން ޖޫރިމަނާކުރެވޭނެ އެވެ. މި މާއްދާތަކާ ޚިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 500 ރުފިޔާ އިން ޖޫރިމަނާ ކުރާ އިރު ފުރަތަމަ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 1000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޓެކްސީ ކުރުމާ ބެހޭ ގަވާއިދު ގެޒެޓްކުރި ދުވަހުން ފެށިގެން ޓެކްސީ ޑްރައިވަރުން އަހުލުވެރިކުރުވުމަށާއި ގަވާއިދާ އެއްގޮތަށް ޓެކްސީތައް ގެނައުމަށްޓަކައި ފުލުހުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން 290 ޓެކްސީ ބަލައި ފާސްކޮށް ޓެކްސީ ޑްރައިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށާއި އެގޮތަށް ފުލުހުން ބަލައި ފާސްކުރި ޓެކްސީ ތަކުގައި ގިނަ މައްސަލަތަކެއް ފާހަގަވުމާ ގުޅިގެން އެކަންތައްތައް ރަނގަޅުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާ އާގަވައިދުގައިވާ ގޮތުން ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 12:00އާ ދެމެދު ކުރާ ޓެކްސީ ދަތުރުތަކަށް 25 ރުފިޔާ ނަގަ އެވެ. އަދި އެ ގަވާއިދު ބުނާގޮތުން ރޭގަނޑު 12:00 އިން ހެނދުނު 6:00އާ ދެމެދު ކުރާ ދަތުރުތަކަށް ނަގާނީ 30 ރުފިޔާ އެވެ. ކާރުގެ ޑިކީއަށް ދާގީނާއެއް ލައިގެން ކުރާ ދަތުރެއް ނަމަ ދަތުރުފީގެ އިތުރަށް ފަސް ރުފިޔާ ނެގޭ ކަމަށާއި އަދި އެއް ދާގީނާއަށް ވުރެ އިތުރު ނަމަ 10 ރުފިޔާ ނެގޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓެކްސީއެއްގެ ބޭރުގައި ޓެކްސީ ސެންޓަރުގެ ނަމާއި ގުޅޭނެ ނަންބަރު ފެންނަ ގޮތަށް ހުންނަންވާނެ އެވެ. އެގޮތަށް ޓެކްސީތައް ވަނީ ބަދަލުކޮށްފަ އެވެ. ނަމަވެސް ޓެކްސީ ދަތުރެއްގައި ނަމަ ރަތްކުލައިން އަދި ދަތުރެއްގައި ނޫންނަމަ ފެހިކުލައިން ދިއްލާފައި ހުންނަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވީ ނަމަވެސް އެކަން އަދި އެއްވެސް ޓެކްސީއަކުން ކޮށްފައެއް ނުވެ އެވެ.

ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި މިހާރު ދޫކުރެވިފައިވާ ޓެކްސީ ހުއްދަ އާއި ޓެކްސީ ޑްރައިވަރުންނަށް ދޫކުރެވިފައިވާ ޓެކްސީ ކުރުމުގެ ހުއްދައިގެ އިތުރުން ޓެކްސީ ސެންޓަރުތަކަށް ދޫކުރެވިފައިވާ ހުއްދަ އާކުރަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

ޓެކްސީ ގަވައިދު ބަދަލުކުރުމަށް ގޮވާލާ ޓެކްސީ ޑުރައިވަރުން މިހާރު ދަނީ މުޒާހަރާ ކުރަމުންނެވެ.