އެމްޑީޕީ އާއި ޑީއާރުޕީގެ ސަޕޯޓަރުން ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދޫނިދޫ އަށް 19 މީހަކު ގެންދިޔަ ކަމަށާއި އެ އެންމެން ވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލް މިއަދު ވިދާޅުވީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންޖެހުނީ އެސަރަހައްދުގައި އެއްބަޔަކު އަނެއް ބަޔަކާއި ދިމާލަށް އެއްޗެހި އުކާ، ބައެއް މީހުންނަށް އަނިޔާވެ އެސަރައްދުގެ މަސްރަހު ގޯސްވުމާ ގުޅިގެން، އެސަރަހައްދުން މީހުން ފޮނުވާލާ އެސަރަހައްދުގައި އަމަން އަމާން ކަން ޤާއިމްކުރުމަށް ފުލުހުން ކުރި މަސައްކަތައް ހުރަސްއެޅޭ ގޮތަށް އަމަލް ކުރުމާ ގުޅިގެން ކަމަށެވެ.


އެގޮތުން ގެންދިޔަ މީހުންގެ ތެރޭގައި ޑީއާރުޕީގެ ނައިބް ލީޑަރަކާއި މަޖިލީހުގެ ތިން މެންބަރުން ވެސް ހިމެނޭ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ބޭފުޅުން ދޫނިދޫ އަށް ގެންދަން ޖެހުނީ ރޭ މާލެތެރޭގެ މަސްރަހު ގޯސްވެ، އެ ބޭފުޅުންގެ ސަލާމަތާ ރައްކާތެރި ކަމަށް ބަލާފައި ކަމަށްވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ. އަދި އެސަރަހައްދުން ގެންދިޔަ 19 މީހުން ވެސް ރޭ ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.


އެމްޑީޕީއާއި ޑީއާރުޕީގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި އެ ހަމަނުޖެހުމާ ގުޅިގެން ދޫނިދޫ އަށް ގެންދިޔަ މީހުން އަނބުރާ މާލެ ގެނެސް ދޫކޮށްލި ފަހުން ޑީއާރުޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ މުލީއާގެ ދޮށަށް އެއްވެފަ އެވެ. އެ ގޭދޮށަށް އެއްވި މީހުންގެ ތެރޭގައި އިސްކޮށް ތިއްބެވީ އަލީ ވަހީދާއި އުމަރު ނަސީރާއި އިލްހާމާއި މަހުލޫފެވެ. އެއްވި މީހުން މުލީއާގެ ގޭޓު ތަޅުވައި ގޭޓުމައްޗަށް އަރާ ހެދި ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.