ދިމިޝްގު (އެޕްރީލް 15) : ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށް ހަނގުރާމަ ކުރަމުންގެންދާ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިވާ ރަށްތަކުގެ ތެރޭން އިތުރު ރަށެއް އެމީހުންގެ އަތްދަށުން ބީވެ ސޫރިޔާ ސިފައިންގެ އަތްދަށަށް ހިނގައްޖެ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ސޫރިޔާ އަމަނާ ބެހޭ ފަރާތްތައް ބުނާ ގޮތުން އެގައުމުގެ އުތުރުގައިވާ އެވޭލާ ޒަމާނުގެ ޙަޟާރަތްތަކުގެ ބައެއް ބައިތައް ހުރި ތާރީޚީ ރަށެއް ކަމަށްވާ "މައްލޫލާ" އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުން މިނިވަންކޮށް އެ ރަށް އަނބުރައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އިއޔެގެ ނިޔަލަށް ވަނީ ގެނެވިފަ އެވެ. ސޫރިޔާގެ ރަސްމީ ޓީވީ އިން ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައި ކުރިންއޮތް "މައްލޫލާ" މިހާރު ސަރުކާރު ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެވިފައި ކަމަށާއި އެ ރަށަށް އަތްގަދަކޮށްގެންތިބި އިދިކޮޅު ހަނގުރާމަވެރިންގެ އެއްބަޔަކު މަރާލުމަށް ފަހު ބާކީތިބި ހަނގުރާމަވެރިން ފައްސާލައި އެ ރަށުގައި މިހާރު އަމަންއަމާންކަމާއި ސުލްހަ ގާއިމް ކުރެވިފައިވާ ކަމަށް ބުނެ އެ ރަށުގައި އާންމު ރައްޔިތުން ބިރެއް ނެތި ހަރަކާތްތެރި ވަމުންދާ މަންޒަރު ދައްކާފަ އެވެ.

މައްލޫލާ މިނިވަންކުރެވުނު ކަމަށް ސޫރިޔާ ސަރުކާރުން ފަތުރާފައިވާ ޚަބަރުތައް އެގައުމުގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުން ދޮގުކޮށްފައެއްނުވެ އެވެ. ނަމަވެސް "މައްލޫލާ" އަށް މިދިޔަ އާދީއްތަ ދުވަހު ދިޔަ ލުބްނާނުގެ އަލްމަނާރު ޓީވީ ނެޓްވާކްގައި މަސައްކަތްކުރާ ތިން ނޫސްވެރިއަކު ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ހަމަލާތަކެއްގައި މަރާލާފަ އެވެ.
"މައްލޫލާ" ސޫރިޔާ ސިފައިންގެ އަތްދަށަށް އަލުން ދިޔަކަން މުސްތަގިއްލު ފަރާތަކުން ކަށަވަރުކޮށްދީފައި ނުވިނަމަވެސް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ހިފާފައިވާ ބައެއް ރަށްތަކާއި ވިލެޖްތައް އަލުން އަނބުރައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމުގައި ސޫރިޔާ ސިފައިން ވަނީ ފާއިތުވި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. އަދި މިކާމިޔާބީތަކާ އެކު ރައީސް ބައްޝާރުލްއަސަދު ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ކުރިހޯދިދާނެ ކަމުގެ އުންމިދު ފާޅުކުރައްވައި ވާހަކަ ވެސް ދައްކަވާފަ އެވެ.

އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ސޫރިޔާ ސިފައިން ކާމިޔާބު ހޯދަމުން ގެންދަނީ ހަނގުރާމަވެރިންގެ މެދުގައި ބައިބައިވުންތައް އުފެދި އެމީހުންގެ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ތަޅާފޮޅަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ޚަބަރުތައް ބުނެ އެވެ. ރިޕޯޓްތައް ބުނާގޮތުންސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އެކިޖަމާއަތްތަކުގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދި އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް ތަޅާފޮޅައި ހަނގުރާމަ ކުރަމުން ގެންދާތާ ވަނީ ހަތަރުވަރަކަށް މަސްވެފަ އެވެ.

ތަޅާފޮޅުންތައް އެންމެ ބޮޑަށް ހިނގަމުންދަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރެއަށް ވަދެފައިވާ ހަރުކަށި ވިސްނުމުގެ ދެ ޖަމާއަތް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ޝާމް" ޖަމާއަތާއި އައްނުސްރާ ޖަމާއަތާ ދެމެދުގައި ކަމަށްވެއެވެ. މިދެ ޖަމާއަތަކީވެސް އެމެރިކާއާ އަޑިން އަޑިން ގުޅުން އޮންނަ ކަމަށް ޝައްކުކުރެވޭ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އަލްގާއިދާ އަށް ނިސްބަތްވާ ދެ ގޮފި ކަމަށް ޚަބަރުތައް ބުނެ އެވެ.

އިސްލާމީ ގައުމުތަކަށް އަމާޒުކޮށް ބޮންގޮއްވައި މުސްލިމުން ޑަޒަން ޑަޒަނަށް މަރައި އިސްލާމީ ގައުމުތައް ޓެރަރައިޒް ކުރާކަމުގެ ތުހުމަތު އަލްގާއިދާގެ މައްޗަށް ކުރެވޭއިރު އެޖަމާއަތުގެ އެއްވެސް ހަމަލާއެއް މުސްލިމުންގެ ދުޝްމަނުން ކަމަށްވާ އިސްރާއީލުފަދަ ގައުމަކަށް އަމާޒެއް ނުވެއެވެ. ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ "ދި އިސްލާމިކް ސްޓޭޓް ފޯރ އިރާގް އެންޑް ޝާމް" ޖަމާއަތާއި އައްނުސްރާ ޖަމާއަތާ ދެމެދު ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގާ އެދެޖަމާއަތުގެ އެތަށް ހާސް ހަނގުރާމަވެރިން ފާއިތުވި ހަތަރު ވަރަކަށް މަހުގެ ތެރޭގައި މަރުވެފައިވާއިރު ރައީސް ބައްޝާރުލްއަސަދުގެ ސިފައިން މިމުއްދަތުގައިވަނީ މިތަޅާފޮޅުމުގެ ފައިދާ ނަގައިގެންބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ.
ސޫރިޔާގެ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އަލްގާއިދާ ފިކުރުގެ ޖަމާއަތްތަކާއި "ފްރީ ސީރިޔަން އާމީ" ޖަމާއަތަކީ ފިކުރުގެ ގޮތުން އެއްވެސް ވަރަކަށް ގުޅޭ ދެފަރާތް ކަމަށްނުވާތީ ބައްޝާރުގެ ފައުޖުތަކާ ކުރިމަތިލުމުގައި އިދިކޮޅު ހަނގުރާމަވެރިންގެ މެދުގައި އެއްވެސް ކޯޑިނޭޝަނެއް މިހާރުނެތް ކަމަށާ ކޮންމެ ބަޔަކު ވެސް ހަނގުރާމަކުރަމުން ގެންދަނީ އެކަހެރި ގޮތެއްގައި ކަމަށް ސޫރިޔާގެ އިދިކޮޅު އިއްތިޙާދުގެ އިސްވެރިއަކު ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)