Last Updated:
1 decade 2 year ago

ޓެކްސީ ޑްރައިވަރުންގެ އިހްތިޖާޖު މުޒާހަރާއަކަށް ބަދަލުކޮށްފި

    ބުލޮގު ޚުލާސާ
    ޓެކްސީ ކުރުމުގެ ގަވާއިދަށް ގެނައި ބަދަލުތަކާ ގުޅިގެން، ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށްބުނެ ޓެކްސީ ޑްރައިވަރުން އިހްތިޖާޖުކުރަން ފަށައިފި އެވެ.

    ދަތުރުތައް ހުއްޓައިލުމަށް ފަހު، ޓެކްސީ ޑްރައިވަރުން މިއަދު ހެނދުނު 7:00 އިން ފެށިގެން ޒުވާނުންގެ މަރުކަޒު ސަރަހައްދުން މަޖީދީ މަގު ކޮޅުގައި ތިބެގެން ގެންދަނީ އެ ގަވާއިދު ބަދަލުކުރުމަށް އެދި އަޑު އުފުލަމުންނެވެ.

    ގާތްގަނޑަކަށް 200 އެއްހާ ޑްރައިވަރުން އެއްވެ ޝުއޫރު ފާޅުކުރަމުން ދަނީ، ޓެކްސީ ތަކުގެ މަތީގައި ދިއްލޭ ބޯޑު ހަރުކުރަން ޖެހޭތީ އެވެ.

    ޓެކްސީ ކުރުމާ ބެހޭ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ، މިއަދުގެ ނިޔަލަށް ހުރިހާ ޓެކްސީ ތަކެއްގައި "ދިއްލޭ" ބޯޑު ހަރުކުރުމަށް އަންގައިފަ އެވެ. އަދި އެ ގަވާއިދުގައި ވާގޮތުން ދިއްލޭ ބޯޑުގެ އިތުރުން ޓެކްސީތަކުގެ އަރިމަތީގައި، ފެންނަ ގޮތަށް ޓެކްސީ ސެންޓަރުގެ ނަމާއި ނަމްބަރު ޖަހަން ޖެހެއެވެ.

    14:27

    ޓެކްސީ ގަވާއިދު ބަދަލު ކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުން ދިޔަ ޓެކްސީ ޑްރައިވަރުން، އެ މުޒާހަރާ ހުއްޓާލައިފި.
    12:22

    މަޖީދީމަގާ ބޮޑުތަކުރުފާނުމަގާ ގުޅުނު ކަންމަތީގައި މުޒާހަރާ ކުރިއަށް ދަނިކޮށް އެ ސަރަހައްދުގައި ހުރި މީހަކު ފުލުހުން ހައްޔަރު ކޮށްފި. މިއީ މިހާތަށް ހައްޔަރު ކުރި ދެވަނަ މީހާ. މުޒާހަރާ މިހާރު ވަނީ ހުއްޓުމަކަށް އައިސްފައި.
    12:16

    މިހާރު ޓެކްސީ ދަތުރުތައް ކުރާ ފަރާތްތަކުން ދަތުރުކުރުން ހުއްޓާލުމަށްފަހު މުޒާހަރާގައި ބައިވެރިވުމަށް ގޮވަން ފަށައިފި
    12:03

    މުޒާހަރާގެ ބައިވެރިން މިހާރު ހަރަކާތްތެރިވަމުން އަންނަނީ އަލިމަސް ކާނިވާ ކުރިމަތީގައި. މުޒާހަރާގެ ބައިވެރިން ކުރިއަށް ވުރެ މަދުކަން ފާހަގަކުރެވޭ. ޓްރާންސްޕޯޓު އޮތޯރިޓީން ހަދާފައިވާ ގަވާއިދު އުވާލުމަށާއި ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވުމަށް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވަމުން.
    11:52

    ޓެކްސީ ގަވާއިދު ބަދަލުކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުންދާ ޓެކްސީ ޑްރައިވަރުން މިހާރު މިސްރާބު ޖަހާފައިވަނީ ބޮޑު ތަކުރުފާނު މަގުން، ހުޅުމާލެ ފެރީ ޓާމިނަލް ކައިރިންލާފައި ސުނާމީ ބިނާ ސަރަހައްދަށް ދިއުމަށް. ޓްރެފިކް ޕޮލިހުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުން.
    11:18

    ފުލުހުން އައިސް ފޮނުވައިލުމުން މުޒާހަރާގެ ބައިވެރިން މިހާރު ތިބީ ބީއެމްއެލް މަޖީދީ މަގު ބްރާންޗް ހުންނަ ހިސާބުގައި. މުޒާހަރާގެ ބައިވެރިންގެ އަދަދު މިހާރު ވަނީ ކުރިއަށްވުރެ މަދުވެފައި.
    11:07

    މުޒާހަރާގެ ތެރެއަށް ޕެޕަ ސްޕްރޭ ޖެހުމަށްފަހު އެކަކު ހައްޔަރުކޮށްފި. ފުލުުހުން ބުނީ، އެމީހާ ހައްޔަރުކުރީ، ފުލުހުންގެ އަމުރުތަކަށް ކިޔަމަން ނުވުމުން ކަމަށް.
    10:57

    މުޒާހަރާ ކުރަމުންދާ ސަރަހައްދަށް މިހާރު ޓްރެފިކް ފުލުހުންގެ އިތުރުން މުޒާހަރާ ކޮންޓްރޯލްކުރަން އިތުރު ފުލުހުން އަތުވެއްޖެ. ފުލުުހުން ތިބީ ރަޔަޓް ގިއަރގަ އެއް ނޫން.
    10:56

    މުޒާހަރާގެ ބައިވެރިން މިހާރު ތިބީ، އަލިކިލެގެފާނު މަގުން ރެއިންބޯ ކުރިމަތީގައި. ޓްރެފިކް ފުލުހުންނާއި، މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ހަމަނުޖެހުންތަކެއް ހިނގާފައި.
    10:24

    ޓެކްސީ ޑްރައިވަރުންގެ އިހްތިޖާޖު މުޒާހަރާ އަކަށް ބަދަލުކޮށްފި. އެ މީހުން ޝުއޫރު ފާޅުކުރަމުން މާލޭގެ މަގުތަކުގައި ދަނީ ހިނގަމުން. މިހާރު ތިބީ މާވެޔޮމަގުގައި.
    09:45

    ޓެކްސީ ކުރުމުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ "ޓެކްސީގެ މަތީގައި ކުރިމަތިން ފެންނާނެހެން ދިއްލޭގޮތަށް ”TAXI” ޖަހާފައިހުރުން، ދަތުރެއްގައި ނަމަ ރަތްކުލައިން ދަތުރެއްގައި ނޫންނަމަ ފެހިކުލައިން ދިއްލިފައިހުރުން. "މި މާއްދާއަށް އަމަލުކުރުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އަންނަ މެއި މަހުގެ 15 އަށް ފަސްކޮށްފައި. އަދި އޭގެ ފަހުން އެ މާއްދާއަށް އަމަލު ނުކުރާ ޓެކްސީ ތަކާމެދު ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ނިންމާފައި.
    09:43

    އެއްގަމު ދަތުރު ފަތުރާ ބެހޭ ގާނޫނު 5/2009 ގެ 3 ވަނަ މާއްދާގެ ދަށުން ހަދާފައިވާ ޓެކްސީ ކުރުމާއި ބެހޭ ގަވާއިދުގެ ދަށުން މިއަދުން ފެށިގެން ފިޔަވަޅު އަޅަން ފަށައިފި ކަމަށް ފުލުހުން ބުނެފި.
    09:39

    އިހްތިޖާޖު ކުރަމުން ގެންދާ ޓެކްސީ ޑްރައިވަރުން މިހާރު، ޒުވާނުންގެ މަރުކަޒު ކައިރިން ސްޓާ ސިނަމާ އާއި މާފަންނު މަދަރުސާ ހުންނަ ހަތަރު އަނގޮޅި ކަންމައްޗަށް އެއްވެއްޖެ. ޓްރެފިކް ބަލަހައްޓާ ފުލުހުން ދަނީ، އިހްތިޖާޖުގެ ބައިވެރިން އެތަނުން ދުރުކުރުމަށް މަސައްކަތް ކުރަމުން.
    09:37

    ޑްރައިވަރުން ތިބީ، މުޒާހަރާ ހުއްޓައިލާ ގޮތަކަށް ނޫން. އެމީހުންދަނީ، ޓްރާންސްޕޯޓް މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ގޮވަމުން.
    09:31

    ޑްރައިވަރުން ދަނީ، ޓެކްސީ ކުރުމުގެ ގައިވައިދު އެއްކޮށް ބަދަލު ކުރުމަށް ގޮވާލަމުން. އެ މީހުން ތިބީ ތަފާތު ޝުއޫރުތައް ފާޅުކޮށް ލިޔެފައިވާ ބޯޑުތައް ހިފައިގެން.