14 Apr 2014, 23:40
ކުޑަ ކުއްޖެއްގެ މިނިމަސް ކައިފައިވާ ކަމުގެ ތުހުމަތުގައި، ޕާކިސްތާނުގެ ޕަންޖާބުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މުހައްމަދު އާރިފް އަލީ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނުއެވެ. ފުލުހުން އޭނާގެ ގެއަށް ވަނީއެ ގެއިން މުޅަ ވަސް ދުވާކަމަށް ބުނެ އަވަށްޓެރިން ރިޕޯޓްކުރުމާ ގުޅިގެންނެވެ. އެ ގޭގައި ދިރި އުޅެނީ މުހައްމަދު އާރިފް އަލީ އާއި އޭނާގެ ބޭބެ މުހައްމަދު ފަރްމާން އަލީ އެވެ.
މި ދެބެން ގެ ގެއިން ފުލުހުން ވަނީ ކުޑަ ކުއްޖެއްގެ ބުރިކޮށްލާފައިވާ ބޯ ހޯދާފައެވެ.
މުހައްމަދު އާރިފް އަލީ އާއި އޭނާގެ ބޭބެ މުހައްމަދު ފަރްމާން އަލީ އަކީ 2011 ވަނަ އަހަރު މަހާނައެއް ކޮނެ މަރުވެފައިވާ އަންހެނެއްގެ ހަށިގަނޑު ނެގި ކަމަށް ސާބިތުވެ ޖަލަށް ލާފައިވާ ދެމީހުންނެވެ.
“ފެނުނީ ބުރިކޮށްލާފައިވާ ކުޑަ ކުއްޖެއްގެ ބޯ. އެ ކުއްޖާއަށް ވާނީ ދޭއް، ނޫނީ ތިން ވަރަކަށް އަހަރު،” މައްސަލަ ތަހުގީގު ކުރަމުން އަންނަ ޓީމުގައި ހިމެނޭ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަމީރު އަބްދުއްލާ ހާން ބުންޏެވެ.
“އެމީހުން އެ ކުއްޖާ ނަގާފައި ވަނީ މަހާނައެއް ކޮނެގެން. އެކަމަކު އެ ކުއްޖާ އަކީ ކާކު ކަމެއް، އަދި އެ ކުއްޖާ ނަގާފައި ވަނީ ކޮން މަހާނައަކުން ކަމެއް އަދިއެއް ނޭނގޭ،” އޭނާ ބުންޏެވެ.
އެ ގެއަށް ވަނުމާ އެކު ފުލުހުން ވަނީ މުހައްމަދު އާރިފް އަލީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާގެ ބޭބެ މުހައްމަދު ފަރްމާން އަލީ އެވަގުތު ގޭގައި ނޫޅޭތީ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ނުގެނެވިއެވެ. ފުލުހުން އަދިވެސް ދަނީ ފަރްމާން ހޯދަމުންނެވެ.
“ފުރަތަމަ ސުވާލު ކުރުމުން އާރިފް ބުނީ އެ ކުއްޖާގެ ގުނަވަންތައް ބުރިބުރިކޮށްގެން ކެއްކީ ކަމަށް. އެކަމަކު އޭގެ ހުރިހާ ތުހުމަތެއް އާރިފް އަޅުވަނީ އޭނާގެ ބޭބެގެ ބޮލުގައި،” ސުޕްރިންޓެންޑެންޓް އަމީރު އަބްދުއްލާ ހާން ބުންޏެވެ.
އިންސާނުންގެ މިނި މަސް ކާ ކަމަށް މީގެ ކުރިންވެސް މި ދެ ބެއިން ވަނީ އެއްބަސްވެފައެވެ. 2011 ވަނަ އަހަރު އާރިފް އާއި ފަރްމާން ވަނީ އަންހެނެއްގެ ހަށިގަނޑު މަހާނައަކުން ނަގައި، ދެ ފައި ބުރިކޮށްލުމަށްފަހު އޭގައި ރިހަ ކައްކާފައިވާކަމަށް ކޯޓުގައި ބުނެފައެވެ. ނަމަވެސް ޕާކިސްތާނުގައި މިނިމަސްކާ މީހުންނަށް އަދަބު ކަނޑައަޅާފައިވާ ގާނޫނެއް ނެތުމުން މި ދެ މީހުންނަށް ހުކުމް ކޮށްފައިވަނީ މަހާނެއްގެ ހުރުމަތްކަނޑަލުމުގެ ކުށުގެ ދަށުންނެވެ.
ދެ އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރުމަށް ފަހު، މިދިޔަ އަހަރުގެ މެއި މަހު މި ދެ ބެއިން ވަނީ މިނިވަން ވެފައެވެ. މި ދެ ބެއިން މިނިވަންވުމާ އެކު އެމީހުން ދިރިއުޅޭ ޑާރީ ހާން ސަހަރުގައި ވަނީ މުޒާހަރާކޮށް ނުރުހުންވެސް ފާޅުކޮށްފައެވެ. އަދި އެއަށް ފަހު މި ދެ ބެއިން އުޅެމުން އަންނަނީ އާއްމުންނާ ވަކިން، އެކަހެރިކޮށެވެ.