14 Apr 2014, 23:19
މިދިޔަ އަހަރުގެ ނިޔަލަށް އެންސްޕާއިން އަމިއްލަ އެކިއެކި ކުންފުނިތަކަށް ދައްކަންޖެހި ނުދެއްކި ހުރި އެއް ބިލިއަނަށްވުރެ ގިނަ ފައިސާ ހުރި ކަމަށް ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯގެ އަބްދުﷲ މުހައްމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.
~
ސަން ޓީވީ ޕްލަސް އިން ގެނެސްދޭ "50 މިނެޓް" މިޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ މިރޭ ވިދާޅުވީ އެ ފައިސާ އަކީ އާސަންދަ ނިޒާމު ކުރިއަށް ގެންދިއުމަށާއި ސޯޝަލް އެކިއެކި ސްކީމްތަކުގެ އިތުރުން އެކިއެކި ސަބްސިޑީތައް ދިނުމަށް އެންސްޕާއިން އެކިއެކި ފަރާތްތަކުން ހޯދައިފައިވާ ހިދުމަތްތައް ދައްކަން ޖެހި މިދިޔަ އަހަރުގެ ނިޔަލަށް ނުދައްކާ ހުރި ފައިސާ ކަމަށެވެ. ނަމަވެސް އެ ފައިސާ ދައްކާ ހާލާސްކުރުމަކީ މިވަގުތު އެކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރު ނިމުނުއިރު އާސަންދަ ސްކީމާއި އެހެނިހެން ސޯޝަލް ޕްރޮޓެކްޝަން ސްކީމްތަކަށް ދައުލަތުން އަމިއްލަ އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި އެއް ބިލިއަނަށްވުރެ ގިނަ ފައިސާ ހުރި. އެ ފައިސާ ނުދެއްކި ހުރުމުން ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކެއް ވަމުން އެބަދޭ. އެކަންކަން ހައްލުކުރުމަށް މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ވަރަށް އިސް ކަމެއް ވަނީ ދީފައި،" އަބްދުﷲ ވިދާޅުވި އެވެ.
އާސަންދަ ނިޒާމު އޭގެ އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަކީ މިހާރު އެކުންފުނީގެ އެއް އަމާޒު އަބްދުﷲ ވިދާޅުވި އެވެ. އަދި އެ ފައިސާ ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި އެ ފައިސާ ދައްކާ ހަލާސްކުރެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް އެ ފައިސާތަކުގެ ތެރެއިން ދެއްކިފައި ވަނީ ކިހާ އަދަދެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ސިއްހީ ހިދުމަތް ހޯދުމުގައި ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް މިހާރު ވެފައި ވަނީ އެފަރާތްތަކުން ބޭނުންވާ ސިއްހީ ހިދުމަތްތައް ނުލިބުމުގެ ޝަކުވާ ކަމުގައިވާއިރު އާސަންދަ ސްކީމްގެ ދަށުން އެކަން ކަމަށް ވެސް މިހާރު ހަލެއް ލިބިދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން ޑޮކްޓަރުން ރިފާކުރެއްވުމުން ކަނޑައާޅާފައިވާ އުސޫލުތަކުގެ ދަށުން އާސަންދަ ޕެކޭޖްގެ ދަށުން ސަރަހައްދީ އެހެން ހަސްޕަލާތްތަކުން ސިއްހީ ހިދުމަތް ހޯދުމުގެ ފުރުސަތު ލިބިދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާސަންދަ ސްކީމްގެ ދަށުން ރާއްޖޭއިން ބޭރުން ފަރުވާ ހޯދުމުގެ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ އަދިވެސް އެބައާދޭ. އަޅުގަނޑުމެންނަށް މިހާރު މި ލިބެމުން އަންނަނީ ޕްރީމިއަމް ޕެކޭޖެއް ނަމަވެސް، ވިސްނާލަންޖެހޭ އެންމެ ބޭނުންވާ ފަރާތްތައްތޯ ޑޮކްޓަރުން ބޭރަށް ފޮނުވަން ރިފާކުރަނީ. ޑޮކްޓަރުން ރިފާކުރާ ހުރިހާ ކޭސްތައް ހިފަހައްޓާކަށް ވެސް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން. އެކަންތައް މެދު މިންގަނޑެއްގައި ހިފަހައްޓަން މިމަސައްކަތް ކުރަނީ، ޑޮކްޓަރުންގެ ލަފާ މި ސްކީމް ކުރިއަށް ގެންދިއުމުގައި އަޅުގަނޑުމެންނަށް ވަރަށް މުހިންމުވާނެ،" އަބްދުﷲ ވިދާޅުވި އެވެ.
ބައެއް ރަށްރަށުގައި ބޭސް ނުލިބޭ ކަމަށް ކުރަމުން ގެންދާ ޝަކުވާއަކީ ވެސް ދިމާވެފައިވާ އެއް މައްސަލަ ކަމަށް ފާހަގަ ކުރައްވައި އެ މައްސަލަ ހައްލުކުރުމަށް އެ ރަށެއްގައި ތިއްބެވި ޑޮކްޓަރުން އެދިވަޑައިގަންނަވާ ބޭސްތައް އެ ރަށްރަށުން ލިބޭނެ ގޮތެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
ހުސްނުވާ އާސަންދަ ބައްޓަން ކުރެވިފައި ވަނީ ހަރަދު ކުޑަކުރުމުގެ ނިޒާމަކާ އެކުގައި ކަމަށްވާއިރު އާސަންދަ ނިޒާމްގެ ދަށުން ހިދުމަތް ދިނުމުގައި ވީހާވެސް ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ރާވަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެތެރޭގައި ރަށްރަށުން ބޭސް ލިބެން ހުރިތޯ ޔަގީން ކުރުމާއި އެއް ރަށުން އަނެއް ރަށަށް ބަލި މީހާ ރިފާކުރާއިރު ބޭނުންވާ ޓްރާންސްޕޯޓްގެ ހަރަދު ކުޑަ ކުރުމަށްޓަކައި ސަރަހައްދުތަކުގެ ހޮސްޕިޓަލްތައް ރަނގަޅުު ފެންވަރުދެވޭ ތަންތަނަށް ކަމުގައި ހެދުމަކީ މުހިންމުތަންތަން ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.