މަކިޓާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ސެމީ ފައިނަލުގެ ޖާގައެއް ކަލާފާނު ސްކޫލް ކަށަވަރުކޮށްފި އެވެ.

ގްރޫޕް އޭ އިން ކަލާފާނު ޖާގަ ހޯދީ އިއްޔެ އިމާދުއްދީން ސްކޫލު އަތުން 7-1 ލަނޑުން މޮޅުވެގެންނެވެ. މެޗުގައި ކަލާފާނަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އަހްމަދު އީލާފް ނަދީމް އާއި، މުހައްމަދު ޝައްފާން އިސްމާއިލް އާއި، މުހައްމަދު ހަނާދު އިބްރާހިމް އާއި، މުހައްމަދު ޝަފްރާޒް އާއި ރާއިފް އަބްދުﷲ ޖަލީލް އަދި ސައިފަން އަހްމަދު މަނިކެވެ. އޭގެ ތެރެއިން ދެ ލަނޑު ޝަފްރާޒް ކާމިޔާބުކޮށްފައި ވެއެވެ. އިމާދުއްދީންގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މުހައްމަދު އަނަސް އެވެ.

ގްރޫޕް އޭ އިން ސެމީގެ ޖާގަ ކަށަވަރުކުރި އަނެއް ސްކޫލަކީ ދަރުމަވަންތަ ސްކޫލެވެ. މި ގްރޫޕްގެ އެއްވަނަ އާއި ދެވަނަ ކަށަވަރުވާނީ މާދަމާ ދަރުމަވަންތަ އާއި ކަލާފާނު ބައްދަލުކުރާ މެޗުންނެވެ. ކަލާފާނު އަދި ދަރުމަވަންތަ ސްކޫލުގެ އިތުރުން ގްރޫޕް އޭގައި ހިމެނެނީ ބިލަބޮންގް ހައި ސްކޫލާއި އިސްކަންދަރު ސްކޫލު އަދި އިމާދުއްދީން ސްކޫލެވެ.

މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ދެ ގްރޫޕްގެ އެއްވަނަ ޓީމު ބައްދަލުކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާނެ އެވެ. އަދި ބަލިވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ދެވަނަ ސެމީގައި ބައްދަލުކުރާ މެޗުން މޮޅުވާ ޓީމާއެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ ދެ ގްރޫޕްގެ ދެވަނަ ޓީމެވެ.