14 Apr 2014, 21:23
ހިއުމަންރައިޓްސް ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ހުރި ހަގީގަތާ ޚިލާފު ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް އެ ކޮމިޝަންގެ މެމްބަރުން މިއަދު ޖުވެނައިލް ކޯޓަށް ހާޒިރުކުރުމުން ޖަވާބުދިނުމަށް އަނެއްކާވެސް އިތުރު ފުރުސަތަކަށް އެދިވަޑައިގެންފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ހުރި ކަންތައްތަކާ ބެހޭގޮތުން ކޯޓުން ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ސުވާލު ކުރުމުން ސުވާލުތަކަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެބޭފުޅުން އެދިވަޑައިގަތްގޮތަށް ފުރުސަތުދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ކޯޓުން ބޭނުންވާ މައުލޫމާތު ސާފުކުރުމަށް ވަކިވަކިން ކޮންމެ ސުވާލެއް ކުރުމުން ވެސް ޖަވާބުގައި އެޗްއާރްސީއެމްގެ މެމްބަރުން ވިދާޅުވީ ޖަވާބުދިނުމަށް އިތުރު ފުރުސަތެއް ބޭނުންވާ ކަމަށް. އަދި އެގޮތަށް އިތުރު ފުރުސަތެއް ދިނުމާމެދު ފަހުގެ ތާރީހެއްގައި ގޮތެއް ނިންމަވާނެ ކަމަށް އެބޭފުޅުން ވިދާޅުވި،" އޮފިޝަލް ވިދާޅުވި އެވެ.
މީގެކުރިން ވެސް އެ ކޮމިޝަންގެ މެމްބަރުން ހާޒިރުކުރުމުން ޖަވާބުދިނުމަށް އިތުރު ފުރުސަތެއް ބޭނުންވާ ކަމަށް އެ ކޮމިޝަންގެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެޗްއާރްސީއެމް އިން ޖުވެނައިލް ކޯޓަށް ފޮނުވާފައި ވަނީ، ށ. ފޭދޫ 15 އަހަރުގެ ކުއްޖަކަށް ލިބިފައިވާ ޖިންސީ އަނިޔާގެ މައްސަލައާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ މައްޗަށް ބަލައި އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓެކެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ އެ ކޯޓުން ބަލާފައި ވަނީ އެ ކުއްޖާ އަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ކަމަށް ހިއުމަންރައިޓްސް ކޮމިޝަންގެ ރިޕޯޓުގައި ހިމަނާފައިވާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
ކޯޓުން އެ މައްސަލައާ ގުޅިގެން އަމަލުކޮށްފައިވާގޮތާ ޚިލާފަށް އެ ރިޕޯޓުގައި ކަންތައްތަކެއް ހިމަނާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކޯޓާ މެދު ނުރަނގަޅު ތަސައްވުރެއް ދޭހަވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ރިޕޯޓުގައި ހިމަނާފައިވާ ބައެއް ޕޮއިންޓުތަކަކީ ކޯޓުގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ މާނަ ދޭހަވާ ގޮތަށް ހިމަނާފައިވާ ޕޮއިންޓްތަކެއް ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.