14 Apr 2014, 20:52
ވައިޓް ހައުސް (އެޕްރީލް 14) : އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އޭނާގެ އަނބިކަނބަލުން މިޝޭލް އޮބާމާ އަށް ފާއިތުވި 2013 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ ޖުމްލަ ،098 481 ހާސް އެމެރިކާ ޑޮލަރު ކަމަށާއި މިއީ ޓެކްސްގެ ގޮތުގައި އެމެރިކާގެ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ފަހު ސާފު އާމްދަނިގެ ގޮތުގައި އޮބާމާގެ ދެކަނބަލުންނަށް ލިބުނު ފައިސާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ކާނީ ވިދާޅުވީ އޮބާމާއާއި އޭނާގެ އަނބިކަނބަލުން މިޝޭލްއަށް މިދިޔަ އަހަރު ލިބިވަޑައިގެންފައިވާ އާމްދަނީގެ ތެރެއިން 400 ހާސް ޑޮލަރަކީ މުސާރައިގެ ގޮތުގައި އެމެރިކާގެ ދައުލަތުން އޮބާމާ އަށް ލިބިވަޑައިގެންނެވި ފައިސާ ކަމަށާ ބާކީ 098 81 ޑޮލަރަކީ ފޮތް ވިއްކައިގެންނާއި އާމްދަނީ ލިބޭ އެހެން ކަންތައްތައްކުރައްވައިގެން އޮބާމާގެ ދެކަނބަލުން ހޯއްދެވި އާމްދަނީ ކަމަށެވެ.
އޮބާމާގެ ދެކަނބަލުންނަށް ލިބުނު ޖުމްލަ އާމްދަނީ ކަމަށްވާ 481 ހާސް 98 އެމެރިކާ ޑޮލަރުގެ ތެރެއިން ،169 98 ޑޮލަރު، ޗެރިޓީ ޖަމްއިޢްޔާތަކުގެ ތެރޭން 32 ޖަމްޢިއްޔާ އަކަށް އެހީގެ ގޮތުގައި އެދެކަނބަލުން ހަދިޔާ ކުރައްވާފައިވާ ކަމަށް ވެސް ޖޭ ކާނީ ވިދާޅުވި އެވެ. ކާނީ ވިދާޅުވީ 2012 ވަނައަހަރު އޮބާމާއާއި އަނބިކަނަބލުންނަށް 120 ހާސް އެމެރިކާ ޑޮލަރުގެ އާމްދަނީއެއް އަމިއްލަ މަސައްކަތްތަކުން ލިބުނު ކަމަށާ ނަމަވެސް 2013 ވަނަ އަހަރު މިއާމްދަނީ 81 ހާސް 98 އެމެރިކާ ޑޮލަރަށް ދަށްވެފައިވާ ކަމުގަ އެވެ. އަމިއްލަ މަސައްކަތުގެ އާމްދަނީ މިދިޔައަހަރު ދަށަށްދިޔައީ ފޮތްވިއްކައިގެން (އަމިއްލައަށް ފޮތްތައް ލިޔުއްވައި އެފޮތްތައް ވިއްކައިގެން) އޮބާމާގެ ދެކަނބަލުންނަށް ލިބިވަޑައިގެންނެވި އާމްދަނީ ވަރަށްބޮޑަށް ދަށަށް ދިޔުމުގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސެއްގެ ހައިސިއްޔަތުން އޮބާމާ އަށް އަހަރަކު 400 ހާސް ޑޮލަރުގެ މުސާރައެއް އެމެރިކާގެ ދައުލަތުން ދޭއިރު އޭނާގެ އަނބިކަނބަލުންނާއި ދެދަރިންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި ކެއިންބުއިމާއި ޗުއްޓީގެ ޚަރަދުތަކާއި ކުދިންގެ ކިޔެވުމަށް ކުރަން ޖެހޭ ޚަރަދުތައްފަދަ އެބޭފުޅުންގެ ޢާންމު ދިރިއުޅުމުގެ ހުރިހާ ޚަރަދުތަކެއް ކުރަނީ އެމެރިކާގެ ދައުލަތުގެ ބަޖެޓުންނެވެ.
އޮބާމާގެ ނައިބު ޖޯޒެފް ބައިޑެންއަށާއި އޭނާގެ އަނބިކަނބަލުންނަށް އާމްދަނީގެ ގޮތުގައި 2013 ވަނަ އަހަރު ލިބިވަޑައިގެންފައި ވަނީ 407 ހާސް 9 އެމެރިކާ ޑޮލަރެވެ. މީގެތެރެއިން 230 ހާސް 700 އެމެރިކާ ޑޮލަރަކީ އެމެރިކާގެ ނައިބު ރައީސްގެ ހައިސިއްޔަތުން ބައިޑެންއަށް އަހަރަކު ލިބޭ މުސާރައެވެ. ބާކީ 176 ހާސް 309 ޑޮލަރަކީ އެހެން ގޮތްގޮތުން ބައިޑެންގެ ދެކަނބަލުންނަށް ލިބިވަޑައިގެންނެވި އާމްދަނީ ކަމަށްވެސް ވައިޓް ހައުސްގެ ތަރްޖަމާން ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)