14 Apr 2014, 20:32
ޖަޕާނަކީ ރާއްޖޭގެ ތަރައްޤީއަށް އެންމެ ބޮޑު އެހީތެރި ކަމެއް ވެދެމުންދާ ޤައުމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޖަޕާނުގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކާ، އަދި ޖަޕާނުގައި ކިޔަވަން ތިބި ދިވެހި ކުދިންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ސިޔާސީ ކަންކަމުގައި އަބަދު އުޅެގެން ޤައުމުގައި ހަމަޖެހުން ޤާއިމެއް ނުކުރެވޭނެ އެވެ. ޤައުމަށް ހަމަޖެހުން އަންނާނީ ސިޔާސީ ކަންކަމުގައި އުޅެގެން ނޫން ކަމަށާއި، އެންމެ ބޮޑު އެއް އިސްކަމެއް ދެއްވަނީ، ދިވެހިންގެ ތެރޭގައި ސިޔާސީ ގޮތުން އޮތް ނުތަނަވަސްކަން ތަރައްޤީގެ ވިސްނުމަށް ބަދަލުކުރެއްވުމަށް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގައި ހުންނަވާ ހޮޓެލްގައި މިރޭ ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. ޖަޕާނާއި ރާއްޖެއާ ދެމެދު ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމުގައި ވިދާޅުވެ، އެކަންކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.
މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޖަޕާނަކީ ރާއްޖޭގެ ތަރައްޤީއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދެމެންދާ ޤައުމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ޖަޕާނުގައި ދިރިއުޅޭ ދިވެހިންގެ އާބާދީ މަދުނަމަވެސް، ޖަޕާނުގައި އެމްބަސީއެއް ހުރުމުގެ އެންމެ ބޮޑު ބޭނުމަކީ، ކޮންސިއުލަގެ ކަންތައްތައް ހަރުދަނާކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު ޖަޕާނަށް ކުރައްވާ ދަތުރުފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ އެކިއެކި މަޝްރޫޢުތައް ހިންގުމަށް ޖަޕާނުގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ. މިގޮތުން، އެއަރޕޯޓް މަޝްރޫ ޢާއި، އިހަވަންދިއްޕޮޅު މަޝްރޫޢަށް ޝައުޤުވެރިވާ ޖަޕާނުގެ ޕްރައިވެޓް އިންވެސްޓަރުން ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.