14 Apr 2014, 19:45
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހިލޭ އަންހެނަކާ އެކު ނަހަމަގޮތުގައި ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވިފައިވާ ވީޑިއޯއެއްގެ މައްސަލަ ބެލުމަށް ޖުޑިޝަލް ޝާވިސް ކޮމިޝަނުން އެކުލަވައިލި ކޮމިޓީގެ މެމްބަރު ކަމަށް ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ރެކްޓާ އިބްރާހިމް ރަޝީދު މޫސާ ހަމަޖައްސައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އަލީ ހަމީދުގެ މައްސަލަބަލާ ކޮމެޓީގެ މެމްބަރަކު ވިދާޅުވީ އޭނާ އެ މަގާމަށް ހަމަޖެއްސެވީ ގާނޫނީ ވަކީލުންގެ ފަރާތުން އެ ކޮމެޓީގައި އިންނެވި ހުސްނުއްސުއޫދު މަގާމުން އިސްތިއުފާދެއްވުމުން ކަމަށެވެ.
"ހުސްނުއްސުއޫދު މަގާމުން އިސްތިއުފާދެއްވުމުން އޭނާގެ ބަދަލުގައި އިބްރާހީމް ރަޝީދު މޫސާ އެ ކޮމެޓީއަށް ހަމަޖައްސަވާފައި ވަނީ،" އެ ކޮމެޓީގެ މެމްބަރަކު ވިދާޅުވި އެވެ.
އިބްރާހީމް ރަޝީދު މޫސާގެ އިތުރުން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނާއިބް ރައީސް އަބްދުﷲ ދީދީ އާއި ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރު އަހްމަދު ރަޝީދުގެ އިތުރުން ގާނޫނީ ވަކީލުންގެ ކަނޑައަޅާފައިވާ ހުސައިން ސިރާޖެވެ.