14 Apr 2014, 18:30
ގއ. ކޮނޑޭ ކައުންސިލްގެ މައްޗަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމަކާ އެއްގޮތަށް އަމަލު ނުކޮށްގެން އެ ކައުންސިލްގެ އެކައުންޓްތައް ފްރީޒްކޮށްފި އެވެ.
ކޮނޑޭ ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރަށު ކައުންސިލްގެ އެކައުންޓްތައް ފްރީޒްކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް އެ ކޯޓުން އަމުރެއް ނެރެފައި ވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. އަދި އެ ހުކުމް ނެރުނީ އެރަށު ފޭޒުމާގޭ، ހަސަން އިސްމާއިލް އަށް ކޮނޑޭ ކައުންސިލުން ދައްކަން ޖެހޭ 4000 ރުފިޔާ ކޯޓު ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ހުކުމްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮނޑޭ ކައުންސިލުން ހުކުމާ އެގޮތަށް ފައިސާ ނުދައްކައިގެން ކަމަށް ކޯޓުން ކަނޑައަޅައި، އެ ގޮތަށް ނިންމި ކަމުގެ ލިޔުންތައް ވަނީ ލިބިފައި، ކޯޓުން އެގޮތަށް ނިންމީ ދައުވާ ހުށަހެޅި ފަރާތަށް ފައިސާ ނުލިބިގެން އެ ފަރާތުން އަލުން ޝަރީއަތަށް އެ މައްސަލަ ހުށަހަޅައިގެން،" އޮފިޝަލް ވިދާޅުވި އެވެ.
އެ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ކައުންސިލަށް ކޯޓުން އެންގުމުން ވެސް އެ ފައިސާ ދައްކާފައިނުވާތީ އާއި ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލަ ބަލައިދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުގެ ކުރި އަމުރުގައި ބުނެފައިވެ އެވެ.
ކޮނޑޭ ކައުންސިލްގެ އެކައުންޓްތައް ފްރީޒްކުރުމަށް އެރަށު ކޯޓުން އަމުރެއް ނެރެފައިވާއިރު އެރަށުގެ ކައުންސިލްގައި މެމްބަރުންނެއް ނުތިބެ އެވެ. އެރަށުގައި ކައުންސިލެއް މިވަގުތު ނެތީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ ރަށުގެ އިންތިހާބް ހައިކޯޓުން ބާތިލްުކުރުމާ ގުޅިގެންނެވެ. އެ އިންތިހާބް ބާތިލް ކުރީ ކޮނޑޭ ކައުންސިލްގެ އިންތިހާބު ބާތިލްކޮށްދިނުމަށް އެދި، އެ ކައުންސިލަށް ކުރި މަތިލި ގއ. ކޮނޑޭ، ޖޯޖެޓްވިލާ، އަލީ އިބްރާހީމް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ކޮނޑޭ ކައުންސިލުން ދައްކަން ޖެހޭ ކަމަށް މިދިޔަ އަހަރު ކަނޑައަޅާފައިވާ އެ ފައިސާއަކީ މީގެ 16 އަހަރު ކުރިން މަރުވެފައިވާ މީހެއްގެ ނަމުގައި ހުރި ބަބުކެޔޮ ގަހެއް ކޮނޑޭ ކައުންސިލުން ކަނޑާލި މައްސަލައެއްގައި އޭނާގެ ދަނބިދަރިއަކު ބަދަލު ހޯދަން ހުށަހެޅި ފައިސާ އެކެވެ. އެ ރަށު ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެ ގަހަކީ އެ ދައުވާ ހުށަހެޅި ފަރާތުގެ ގަހެއް ކަމަށާއި އެ ގަސް ކަނޑަލުމުން ބަދަލުގެ ގޮތުގައި އެ ރަށު ކައުންސިލުން އޭނާ އަށް 4000 ރުފިޔާ ދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.