މީގެ ކުރިން ރާއްޖޭގައި ހަދާފައިވާ ސާވޭތަކުން ދައްކާގޮތުން ރާއްޖެ އަށް ގިނަ ޓޫރިސްޓުން އަންނަނީ "ހަނީ މޫން" އަށެެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ 18 އިން މާޗް މަހުގެ ފަސް ވަނަ ދުވަހަށް ހަދާފައިވާ ސާވޭ ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އަރާމު ކުރުމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި 1549 ޓޫރިސްޓަކާ ސުވާލުކޮށްގެން ހެދި އެސާވޭ ދައްކާ ގޮތުން ރާއްޖެއަށް ޒިޔާރަތްކުރި 54 ޕަސެންޓް ޓޫރިސްޓުން ރާއްޖެ އައިސްފައިވަނީ އަރާމު ކުރުމަށެވެ. ހަނީމޫން ހެދުމަށް އައިސްފައިވަނީ އެންމެ 16 ޕަސެންޓް ޓޫރިސްޓުންނެވެ. އަދި ޑައިވިނަށް ދިއުމަށް އައިސްފައިވަނީ 11 ޕަސެންޓް ޓޫރިސްޓުންނެވެ.

އެސާވޭ ދައްކާގޮތުން 98 ޕަސެންޓް ޓޫރިސްޓުން ވަނީ އެހެން ޓޫރިސްޓުން ވެސް ޗުއްޓީ ހޭދަކުރަން ރާއްޖެ އައުމަށް ބުނާނެ ކަމަށް ބުނެފައެވެ. އަދި 91 ޕަސެންޓް ޓޫރިސްޓުން އަދި ރާއްޖެ އަންނާނެ ކަމަށް ބުނެފައިވާއިރު 48 ޕަސެންޓް ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވަނީ ހަތަރު ރެއާއި ހަތް ރެއާއި ދެމެދުގެ އަދަދަކަށެވެ. އަދި ރާއްޖެ އައި 85 ޕަސެންޓް ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.

ސާވޭ ދައްކާގޮތުން އެޓޫރިސްޓުންގެ ތެރެއިން 25 ޕަސެންޓް މީހުންނަށް، ރާއްޖެއާ ބެހޭ މައުލޫމާތު ލިބިފައިވަނީ އިންޓަނެޓް މެދުވެރިކޮށެވެ. އަދި 83 ޕަސެންޓް ޓޫރިސްޓުން ރާއްޖެ އައިސްފައިވަނީ އާއިލާ ނުވަތަ ބައިވެޔާއާ އެގައެވެ.