14 Apr 2014, 14:28
ކ. ހިންމަފުށީ ޕްރީސްކޫލްގެ ޓީޗަރުން ކިޔަވަދިނުމަށް ނުނިކުންނާތީ އެ ސްކޫލްގެ ބެލެނިވެރިން ސްކޫލްދޮށަށް އެއްވެ ނުރުހުން ފާޅުކުރަމުން އެބަ ގެންދެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް މިއަދު ވިދާޅުވީ އެ ރަށު ޕްރީސްކޫލްގައި ކިޔަވައި ދިނުމަށް އުޅުއްވާ ޓީޗަރުން ޖެހިޖެހިގެން ސަލާމް ބުނަމުން އަންނަތާ މިއަދަށް އެއް ހަފްތާ ވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެބޭފުޅުން ސަލާމް ބުނަނީ ޓީޗިންގް ޕްރެކްޓިސް އެއްގައި ބައިވެރިވެގެން އުޅުއްވާތީ ކަމަށެވެ. އެގޮތުން މިއަދު ވެސް ޕްރީސްކޫލްގެ ތިން ޓީޗަރެއް ސަލާމް ބުނެ ސްކޫލަށް ކިޔަވައިދޭން ނުނިކުން ނަކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން ކިޔަވައިދިނުމަށް ދަތިވެ ބެލެނިވެރިންގެ ފަރާތުން ޝަކުވާ ހުށައަޅަމުން އަންނަ ކަމަށާއި އެކަން ރަނގަޅުކުރުމަށް ޓީޗަރުންނަށް ތަފާތު އެކިއެކި ފަހަރުމަތިން ނަސޭހަތް ދީފައިވާނެ ކަމަށް ވެސް ޝާން ވިދާޅުވި އެވެ.