ސަދަން ހެލްތު ސާވިސަސް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ނޫރުﷲ ސައީދު އާއި ޏ. އަތޮޅު ހޮސްޕިޓަލްގެ އެސިސްޓެޓް މެނޭޖަރު ސިޔާނާ ނަސީރުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޏ. އަތޮޅު ހޮސްޕިޓަލްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމަށް އެ ރަށު ހަޒާރުމާގޭ ސިޔާނާ ނަސީރު ހަމަޖައްސާފައި ވަނީ އެ މަގާމަށް މީހަކު ހޯދަން އިއުލާންނުކޮށް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެސިސްޓެންޓް މެނޭޖަރުގެ މަގާމަށް އެދި ސިޔާނާ އެޕްލިކޭޝަން ހުށަހަޅާފައިވާކަން ސަދަން ހެލްތު ސާވިސް ކޯޕަރޭޝަންގެ ލިޔުންތަކުން އެނގެން ނެތް ކަމަށެވެ. އަދި އޭނާ އެ މަގާމަށް ހަމަޖެއްސުމަށް ހެލްތު ކޯޕަރޭޝަންގެ ބޯޑުން ނިންމާފައިނުވާ އިރު، ސިޔާނާ އަށް ވަޒީފާ ދިނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނޫރުﷲ ސައީދު ކަން ލިޔުންތަކުން އެނގޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ސިޔާނާ އަށް ވަޒީފާ ދީފައި ވަނީ އެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށް ތަހުގީގަށް ފާހަގަކުރެވޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސިޔާނާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ޏ. އަތޮޅު ހޮސްޕިޓަލްގެ އެސިސްޓެންޓް ޕަބްލިކް ރިލޭޝަން ކޯޑިނޭޓަރުގެ މަގާމާއި އެސިސްޓެންޓް ކަމް ކޭޝިޔާގެ މަގާމަށް މީހުން ހަމަޖެއްސުމުގައި ގަވާއިދާ ޚިލާފަށް އަމަލުކޮށްފައި ވާތީ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަންގެ ބަޔާނުގައި ބުނެފައި ވަނީ އެ ދެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި ތައުލީމީ ރަނގަޅު ފަރާތްތައް ތިއްބައި، ތައުލީމިގޮތުން އެއަށް ވުރެ ދަށް ފެންވަރުގެ މީހުންނާ އިންޓަވިއުކޮށްފައިވާ ކަމަށެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިނުމަށް ރެކޮމެންޑުކޮށް ހެލްތު ކޯޕަރޭޝަނަށް ފޮނުވި ސިޓީގައި ސޮއިކޮށްފައި ވަނީ ސިޔާނާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސިޔާނާ ސޮއިކޮށް ފޮނުވި ސިޓީގައިވާ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސި ޗިޓުގައި ސޮއިކުރައްވާފައި ވަނީ ހެލްތު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ނޫރުﷲ ސައީދު ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން އެ ދެ މަގާމުތަކަށް މީހުން އައްޔަން ކޮށްފައި ވަނީ ސިޔަނާ އާއި ނޫރުﷲ ސައީދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެންކަން ތަހުގީގުން އެނގޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.