އަންނަ މަހު ރާއްޖޭގައި ބާއްވާ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ޓީމްތައް ޕްރެކްޓިސް ކުރުމަށް އައްޑޫ ސިޓީގެ ހުޅުމީދޫގެ ދަނޑުތައް ބޭނުން ކުރަން ނިންމާފައިވާކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް "ސަން"އަށް މިއަދު ވިދާޅުވީ، ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާއިރު، އެ ގްރޫޕްގެ ޓީމްތައް ޕްރެކްޓިސް ކުރުމަށް ނިންމާފައި ވަނީ ހުޅުދޫއާއި މީދޫ ދަނޑުތަކުގައި ކަމަށެވެ. އަދި އެ ދަނޑުތައް ޕްރެކްޓިސް ކުރެވޭ ފެންވަރަށް މިހާރު ތައްޔާރު ކުރަންފަށާފައި ވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޕްރެކްޓިސް ދަނޑުގެ ވިނަ ނެތް ސަރަހައްދުގައި ވިނަ އިންދައި، ގަސްކާނާ އަޅައި ވިނަވެސް ހައްދަމުން މިހާރު މިދަނީ. މި މަސައްކަތް ކުރުމުގައި އައްޑޫ ސިޓީގެ ޒުވާނުންނާއި ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުން ދަނީ ލިބެމުން،" މިނިސްޓަރު ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރު ވިދާޅުވީ، އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ލަންކާ ސަރުކާރުގެ ކުޅިވަރާ ބެހޭ މިނިސްޓރީއާ ގުޅިގެން ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި ލައިޓް ހަރުކުރުމަށްޓަކައި ބަލަންޖެހޭ ބައެއް ބެލުންތައް ބެލުމަށް މިހަފްތާގެ ފަހު ކޮޅު ލަންކާގެ ޓީމެއް ރާއްޖެ އައުމަށް މިހާރު ހަމަޖެހިފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ ޓީމްތައް ތިބެން ހަމަޖެހިފައިވަނީ ހެރެތެރެ ރިސޯޓްގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.