ތިމާވެށީގެ ދާއިރާ އިން އަގުހުރި މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެއްގެ ގޮތުން"ފެހިފަތް" ދޭން ފަށަން އެންވައިރޮމެންޓް މިނިސްޓްރީ އިން ނިންމައިފި އެވެ.

ފެހިފަތް އިނާމަކީ ރައީސް މައުމޫން ދައުރުގައި ދެއްވި އިނާމެކެވެ.

އެންވައިރޮމެންޓް މިނިސްޓްރީ އިން މިއަދު ބުނީ އެ އިނާމަކީ ތިމާވެށީގެ ދާއިރާއިން އަގުހުރި މަސައްކަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމެއްގެ ގޮތުން މި އަހަރުން ފެށިގެން ދެއްވަން ފަށްޓަވަން މިހާރު ނިންމާފައިވާ ކަމަށެވެ.

"ފެހިފަތް ދިނުމުގެ މައިގަނޑު މަގުސަދަކީ އެކިގޮތްގޮތުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި އެކި މަސައްކަތްކޮށްފައިވާ ފަރާތްތައް ފާހަގަކޮށް އެފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި ހިތްވަރު ދިނުން، އަދި މިހާރު ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާފަރާތްތަކުން ރަށާއި އަތޮޅު، ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއަޅައި، މިހާރު ތިމާވެއްޓަށް އެކިގޮތްގޮތުން ހިދުމަތްކުރާ ފަރާތްތައް އެގޮތުގައި ދެމިތިބުމަށް ހިތްވަރުދިނުން،" އެންވައިރޮމެންޓް މިނިސްޓްރީ އިން ބުންޏެވެ.

އެމިނިސްޓްރީ އިން ބުނީ ފެހިފަތް ދިނުމަށް ހަމަޖެހިފައި ވަނީ އަހަރަކު އެއްފަހަރު ބައިނަލް އަގުވާމީ ތިމާވެށި ދުވަހު ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެއްގެ ގޮތުގައި ކަމަށެވެ. ތިމާވެށީގެ ދާއިރާ އިން އެކި ގޮތްގޮތުން ހިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް ފެހިފަތް ރަމްޒީ ހަނދާން ހޯދުމަށް ނަން ހުށަހެޅުމުގެ ފުރުސަތު 14 އެޕްރީލް 2014 ން 15 މޭ 2014ގެ ނިޔަލަށް އެ މިނިސްޓްރީ އިން ވަނީ ހުޅުވާލާފަ އެވެ. އެ އިނާމަށް ނަން ހުށަހަޅާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީއަށެވެ.

"ނަން ހުށަހަޅާ ފަރާތްތަކުން، "ތިމާވެށީގެ ދާއިރާ އިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފޯމު" ފުރިހަމަ ކުރުމަށް ފަހު، މި ފޯމާ އެކު ތިމާވެށީގެ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތައް ސާބިތުކޮށްދެވޭނެ ފަދަ ހެކި ހުށަހަޅުއްވަންޖެހޭނެ،" އެ މިނިސްޓްރީ އިން ބުންޏެވެ.