އަންނަ މަހު މާލެއާއި އައްޑޫ ސިޓީގައި ބާއްވާ އޭއެފްސި ޗެލެންޖް ކަޕް އިސްތިހާރު ކުރުމަށް ގައުމީ އެއާލައިން "މޯލިވިއަން"ގެ ފްލައިޓްތައް ބޭނުންކުރަން ނިންމާފައި ވާކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް "ސަން" އަށް ވިދާޅުވީ، ޗެލެންޖް ކަޕަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ވަރުގަދަ އެއް މުބާރާތް ކަމަށާއި މުބާރާތް އިސްތިހާރު ކުރުމަށް މިނިސްޓްރީގެ ފަރާތުން ގިނަ ކަންތައްތަކެއް ރާވަމުން އަންނަ ކަމަށެވެ. އެގޮތުން ގައުމީ އެއާލައިންގެ ބޯޓުތަކުގެ ބޭރުގައި ޗެލެންޖް ކަޕްގެ ލޯގޯ ޖެހުމަށް ނިންމާފައި ވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޗެލެންޖް ކަޕް އިސްތިހާރު ކުރުމަށް މޯލްޑިވިއަންގެ ފްލައިޓުތައް ބޭނުން ކުރާނެ. އެމަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފަށާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިފަހަރުގެ ޗެލެންޖް ކަޕް އިސްތިހާރުކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން މިމުބާރާތް ޕްރޮމޯޓް ކުރުމުގެ ގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ޕާސްޕޯޓުތަކުގައި ޗެލެންޖް ކަޕް ރަމްޒުކޮށްދޭ ތައްގަނޑެއް ވެސް އިމިގްރޭޝަނުން މިހާރު ވަނީ ޖަހަން ފަށައިފައެވެ.

މިފަހަރުގެ ޗެލެންޖު ކަޕް ހުޅުވާ މެޗުގައި، މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެއާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.

މުބާރަތުގައި ރާއްޖެ ހިމެނޭ ފަޅީގައި ލައްވައިލި މިޔަންމާ އަކީ 2004 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ވާދަކުރި ޓީމެކެވެ. އަދި ފަލަސް ތީނަކީ، ނޭޕާލް ގައި 2012 ވަނަ އަހަރު އޮތް ޗެލެންޖު ކަޕްގައި ރާއްޖެއާ އެއް ގްރޫޕެއްގައި ވާދަކުރި ޓީމެކެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާއިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.