25 Dec 2010, 17:59
ލޯކަލް ކައުންސިލްގެ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހެއްދެވުމުގެ ގޮތުން ކަމަށް ބުނެ، ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރަށްރަށުގެ ކައުންސިލަރުން މަގާމުން ވަކިކޮށްފި އެވެ.
ރައީސް ނަޝީދު މިގޮތަށް ނިންމެވިކަން އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނެރުއްވި ބަޔާނެއްގަ އެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގައުމުގެ ތަރައްގީގައި އެންމެ ބޮޑު ދައުރެއް ކުރިއަށް އޮތް ތަނުގައި އަދާ ކުރުމުގެ ޒިންމާ ރައްޔިތުން ހަވާލު ކުރާނެ އެއް ފަރާތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް ތަކަށް ރައްޔިތުން އިންތިޚާބު ކުރާ ފަރާތް ތައް ކަމަށެވެ. އަދި ޑިމޮކްރަސީގެ ފުރިހަމަ ސިފަތަކާ އެކު ހިންގޭ މިނިވަން އިންސާފުވެރި އިންތިޚާބަކަށް އެ އިންތިޚާބު ހެއްދެވުމަށް ޓަކާ އަޅުއްވަން ޖެހޭ ފިޔަވަޅު ތައް އަޅުއްވާ، އެހިނދަކަށް ބޭނުންވާ މުހިންމު ނިންމެވުންތައް ނިންމެވުމަކީ ޑިމޮކްރެޓިކް ދިވެހި ދައުލަތުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސުލް ޖުމްހޫރިއްޔާ ކޮންމެހެން ކުރައްވަން ޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވަތީ މިއަދުން ފެށިގެން ޑިސެންބަރު 25، 2010 ވަނަ ދުވަހުން ފެށިގެން ކައުންސިލަރުން މަގާމު ތަކުގައި ދެމި ނުތިއްބަވާ ގޮތަށް ރައީސް ނަޝީދު ނިންމަވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ގައުމުގެ ތަރައްގީ އާ ކުރިއެރުމަށް އެޅިފައިވާ ކޮންމެ ހުރަހެއް ނައްތާލުމުގެ ބާރު ޑިމޮކްރަސީގައި އެންމެ ބޮޑަށް ލިބިދެނީ ރައްޔިތުން ނަށް ކަމަށާއި މި ވޭތުވި މުއްދަތުގައި ކައުންސިލަރުންގެ މަގާމުގައި ދެމި ތިއްބެވި ބޭފުޅުން އަދާކޮއްދެއްވި އަގުހުރި ހިދުމަތަށް ޓަކާ ވަރަށް އިހްލާސްތެރި ކަމާ އެކު ރައީސް ނަޝީދު އެބޭފުޅުން ނަށް ޝުކުރު އަދާކުއްރައްވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ އަތޮޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ކައުންސިލަރުން ތިއްބަވައިގެން މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ. އަދި ހަމަ އެ ނޭވާގައި ދައުލަތުގެ މީޑިއާ މިނިވަން ކުރައްވަން ޖެހޭނޭ ކަމަށް ވެސް އޭނާ ވަކާލާތުކުރައްވަ އެވެ.