14 Apr 2014, 13:43
މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވާނަރު ކަމުގެ މަގާމަށް ޑރ. އަޒީމާ އާދަމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ. އަޒީމާއަށް މަޖިލީހުގެ ރުހުން ލިބުނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.
އަޒީމާ އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، އަދި މިހާރު ވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އެކަމަނާ މިހާރު ހުންނެވީ، އެސިސްޓެންޓް ގަވާނަރު، އަދި ޗީފް އިކޮނޮމިސްޓް، މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް ކަމުގެ މަގާމުގަ އެވެ. އޭނާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ޚިދުމަތް ކުރައްވަން ފެށްޓެވީ 1991 ވަނަ އަހަރުގެ މޭ މަހު އެވެ.
އަޒީމާ ޕީއެޗްޑީ ހާސިލު ކުރެއްވީ އޮސްޓްރޭލިޔާގެ ޔުނިވަސިޓީ އޮފް ކެންބަރާގައި އިކޮނޮމިކްސްގެ ރޮނގުންނެވެ. މާސްޓަޒް ޑިގްރީ ހާސިލު ކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލެއިސެސްޓަގައި އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ފައިނޭންސްގެ ރޮނގުންނެވެ.
ގަވަރުނަރުކަން އާޒިމާއަށް ދޭން މަޖިލީހުން ފާސްކޮށްފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. ފަޒީލް ނަޖީބު އިސްތިއުފާ ދެއްވުމުނެވެ. ފަޒީލް ނަޖީބު ގަވަރުނަރުކަމުން އިސްތިއުފާ ދެއްވީ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު އެވެ.
އަޒީމާގެ ނަން މަޖިލީހަށް ފޮނުވުމުގެ ކުރިން ބޭންކް އޮފް މޯލްޑިވްސްގެ އެސޯސިއޭޓް ޑިރެކްޓަރު އިބްތިޝާމް އަހުމަދު ސައީދުގެ ނަންފުޅު ވެސް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވެވި އެވެ. ނަމަވެސް ފަހުން ވަނީ އެ ނަން އަނބުރާ ގެންދަވާފަ އެވެ.