ސައުދީ އަރަބިއްޔާއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އެގައުމުގެ ފުލުހުން އަތުލައިގެންފި އެވެ.

ސައުދީ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ ސައުދީ ގެޒެޓް ނޫހުން ބުނީ، އެގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު އެއް ބިލިޔަން ރިޔާލް ( 267 މިލިޔަން ޑޮލަރު) އަށް އަރާ ކަމަށެވެ.

ސައުދީ ފުލުހުންގެ ތަރުޖަމާނު މޭޖާ ޖެނެރަލް މަންސޫރު ތުރުކީ ވިދާޅުވި ކަމަށް ނޫހުގައި ވަނީ، ފުލުހުން ހޯދައި އަތުލައިގެންފައި ވަނީ 22.6 މިލިޔަން ގުޅަ އެމްފެޓަމިން ކަމަށެވެ. ކަށިނަރު ރޯލްތަކަކާއި ޕްލާސްޓިކް ރޯލްތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކޮށްފައިވާ އެތަކެއްޗާ އެކު ސައުދީ ފުލުހުން ވަނީ އެގައުމުގެ ފަސްމީހަކާއި ބަހްރައިންގެ މީހަކު ހައްޔަރުކޮށްފަ އެވެ.

ސައުދީ އިންޓީރިއާ މިނިސްޓްރީން ބުނެފައި ވަނީ އަތުލައިގަތް މަސްތުވާތަކެއްޗަކީ އަވަށްޓެރި ބަހުރައިން އިން އެގައުމަށް އެތެރެކޮށްފައިވާ ތަކެތި ކަމަށެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް އިން ބުނެފައިވާ ގޮތުގައި 2010 ވަނަ އަހަރު ސައުދީ އަރަބިއްޔާއަށް ހަތް ޓަނުގެ އެމްފެޓަމިން އެތެރެކުރި އެވެ.

ސޫރިޔާގައި ހިނގަމުންދާ އަހުލީ ހަނގުރާމައިގެ ސަބަބުން އެގައުމުގައި ގާނޫނު ހިންގުން ހުއްޓިފައި ވާތީ އެގައުމުގައި އެމްފެޓަމިން އުފެއްދުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.