ކްލަބު މޯލްޑިވްސް ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުން އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް ފޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި، ޕޮލިސް ކްލަބު އަދި މާލޭ ސިޓީ ކައުންސިލް މޮޅުވެ، ދެވަނަ ބުރުން ޖާގަ ކަށަވަރުކޮށްފި އެވެ.

މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ފާހަގަކޮށްލެވޭ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ސޯޝަލް ކްލަބު ކޮޅަށް 11 ލަނޑު ކާމިޔާބު ކޮށްފަ އެވެ. ރޭގެ މެޗުން 11-0 ލަނޑުން އެމްޕީއެލް މޮޅުވެ ގްރޫޕް ފަހެއްގެ އެއްވަނަ މަގާމު ހޯދީ ކުޅުނު ތިން މެޗުން މޮޅުވެ ލިބުނު ނުވަ ޕޮއިންޓާއެކު އެވެ.

މި ގްރޫޕުގައި ކުޅުނު އަނެއް މެޗަށް ބަލައިލާއިރު، ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަތުން ހައުސިން މިނިސްޓްރީ މޮޅުވީ 5-0 ލަނޑުންނެވެ. މި ނަތީޖާއާ އެކު ގްރޫޕްގެ ދެވަނަ މަގާމު ލިބުނީ ހައުސިން މިނިސްޓްރީއަށެވެ. އެ ޓީމަށް ވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ.

ގްރޫޕް ދޭއްގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ ޕޮލިސް ކްލަބު ރޭ ކުޅުނު މެޗުގައި އިކޮނޮމިކް މިނިސްޓްރީ އަތުން މޮޅުވީ 8-2 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފު 2-2 ލަނޑުން އެއްވަރުވެ ނިމުނު ނަމަވެސް، ދެވަނަ ހާފުގައި ޕޮލިސް ކްލަބުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިފައި ވެއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކަލްބުގެ އަހްމަދު ރިފްޝާން އެވެ. ދެވަނަ ބުރުން ފުލުހުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން މޮޅުވެ، ލިބުނު ނުވަ ޕޮއިންޓާއެކު އެވެ.

މި ގްރޫޕްގެ ދެވަނަ މަގާމު ލިބުނީ ޓީމް ފެނަކައަށެވެ. ފެނަކަ އަށް ދެވަނަ މަގާމު ލިބުނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަތުން 3-2 ލަނޑުން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފެނަކައަށް ކުޅޭ ގައުމީ ޓީމު ކުޅުންތެރިޔާ ހަސަން އަދުހަމް (ސަޑޭ) އެވެ. ފެނަކަ ވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ.

ގްރޫޕް ހަތަރެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން މާލޭ ސިޓީ ކައުންސިލަށް ޖާގައެއް ކަށަވަރުވީ ހޯމް ފޯ ސްޕެޝަލް ނީޑްސް އަތުން 3-0 ލަނޑުން މޮޅުވެގެންނެވެ. މި ގްރޫޕްގެ ދެވަނައިގައި އޮތީ ރޭ މީރާ އަތުން މޮޅުވި ޔުނައިޓެޑް ބީއެމްއެލް އެވެ. ބީއެމްއެލް މޮޅުވީ 9-0 ލަނޑުންނެވެ.

މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި އެހެން ޓީމުތަކުގެ ތެރޭގައި ހިމެނެނީ ގްރޫޕް ހައެއްގެ އެއްވަނަ އެލައިޑް އިންޝުއަރެންސް އާއި، ގްރޫޕް އަށެއްގެ އެއްވަނަ ކްލަބު އިމިގްރޭޝަން އަދި ގްރޫޕް ނުވައެއްގެ އެއްވަނަ ޓީމު ރައީސް އޮފީސް ސޯޝަލް ކްލަބެވެ.

މި މުބާރާތުގެ ފިރިހެން 36 ޓީމެއް ބައިވެރިވެފައިވާ އިރު، ނުވަ ގްރޫޕަކަށް ވަނީ ޓީމުތައް ބަހާލެވިފަ އެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާ އިރު، ދެވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން ދެވަނަ ބުރަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދި ހަތް ޓީމެވެ.

ކްލަބު މޯލްޑިވްސް ކަޕުގެ ފިރިހެން ބައިގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް މިރޭ ނިމޭނެ އެވެ. މިރޭ ކުރިއަށްދާނީ ގްރޫޕް އެކެއް، ގްރޫޕް ތިނެއް އަދި ގްރޫޕް ހަތެއްގެ މެޗުތަކެވެ.