14 Apr 2014, 13:20
ފަސް އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން ފިލި ބައްޕަ އަމިއްލައަށް ފުލުހުންނާ ހަވާލުވެ، ދަރިފުޅު މަންމައާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ ފަސް އަހަރުގެ ދަރިފުޅު ގޮވައިގެން ފިލާފައި ވާތީ ފުލުހުންގެ މައްޗަށް ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުން ގެންދިޔަ ހއ. ފިއްލަދޫ ހުދުފަޅު، ހުސައިން ތަހުސީން ފުލުހުންގެ އިދާރާއަށް އިއްޔެ ހަވީރުގެ ވަގުތެއްގައި އަމިއްލައަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި ކޯޓުގެ އަމުރުގައިވާ ގޮތުގެ މަތިން މިއަދު މެންދުރު 11:30 ގައި އެ ކުއްޖާގެ އޭނާގެ މަންމަ އާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރުގައި ވަނީ ފަސް އަހަރުގެ އަންހެން ދަރިފުޅު މައިންބަފައިންގެ މެދުގައި ހިނގާ މައްސަލަތަކުގެ ޝިކާރައަކަށް ވުމަށް ދޫކޮށްލުމަކީ އެ ދަރިފުޅުގެ މަސްލަހަތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ހުސެއިން ތަހުސީން އަކީ ކުށުގެ ރެކޯޑް ގިނަ މީހެއް ކަމަށް ބުނެފައިވެ އެވެ.
އެގޮތުން އޭނާ އަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްގެ އިތުރުން މަކަރާއި ހީލަތް ހަދައިގެން ގިނަ އަދަދެއްގެ ފައިސާ އަތުލާފައިވާ މައްސަލައެއްގެ ރެކޯޑް އޮންނަ ފަރާތެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި އަދި ބުނެފައިވަނީ، ފަސް އަހަރުގެ އަންހެން ދަރިފުޅުގެ ހަޟާނާތުގެ މައްސަލައިގައި ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން އެ ދަރިފުޅު ހުސައިން ތަހުސީންގެ އަތުން ނަގައި ވީ އެންމެ އަވަހަކަށް ދަރިފުޅުގެ މަންމައާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައެވެ.
އެ ފިރިހެން މީހާ އޭނާގެ ކުޑަ އަންހެން ދަރިފުޅު ގޮވައިގެން ފިލައިފައި ވާކަން އެނގުނީ، ފިހާރައަކަށް ގޮސް އަންނާނެ ކަމަށް ބުނެ އަނބުރައި ގެއަށް ނައުމުންނެވެ.