14 Apr 2014, 13:06
ނުކުޅެދުންތެރިކަން ހުންނަ މީހުނަށާއި ކުދިނަށް އިނާޔަތުގެ ގޮތުގައި 5000 ރުފިޔާ ދިނުމަށް ރައްޔިތުން މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ)އަށް އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތޮލިބެވެ.
ދޭހާސް ދިހަ ވަނަ އަހަރު ފާސްކުރި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުނަށް މިހާރު ސަރުކާރުން ދެމުންދަނީ 2000 ރުފިޔާ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިނަށާއި މީހުނަށް ދޭ އިނާޔަތް ބޮޑުކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މުއްތަލިބު ފާހަގަ ކޮށްފައި ވަނީ ކުޅެދުންތެރިކަން ހުންނަ ކުދިނަށް ލިބޭ އިނާޔަތުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެ ގޮތް ނުވުމެވެ.
"ރާއްޖޭގެ އެތައް މިތަނުގައި ދަތިހާލުގައި މިފަދަ އެތައް ބައެއް އުޅެނުންދިއުމާއި މީގެ ނުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭސްވަރުވާއަށް ދެވޭނެ އުސޫލުތައް އާސަންދަތެރެއިން ލިބެން ހުރި ނަމަވެސް އެ އުސޫލުތަކުގެ ތެރެއިން މި ދެންނެވި ފަރާތްތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދައިގަތުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެ ފަދަ އާއިލާތަކަށް މި ފައިސާ ލިބޭނަމަ އޭގެ ބޭނުން ކުރައްވައިގެން އެފަދަ މީހުނަށާއި ކުދިންނަށް ބޭސްފަރުވާ ފަސޭހައިން ލިބޭނެ ގޮތްތަކެއް ފަސޭހައިން ލިބޭނެ ގޮތްތަކެއް ފަހިކުރުން،" މި މަހުގެ ދެ ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި އިސްލާހާއެކު ފާހަގަކޮށްފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވެރިކަމާއި ހާވާލުވެވަޑައިގަތުމަށްފަހު ވަނީ 65 އަހަރުން މަތީގެ މީހުނަށް ސަރުކާރުން ދެމުންދިޔަ އިނާޔަތް 5000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.