14 Apr 2014, 12:51
އެމްޑީޕީގެ ޒުވާނުންގެ ރޫހަށާއި އަންހެނުންގެ ރޫހުގެ އިތުރުން ދާއިރާތަކުން ހުސްވެފައިވާ 69 މަގާމަކަށް ކުރި މަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވައިލައިފި އެވެ.
އެމްޑީޕީގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލެވޭނީ މި މަހުގެ ތިން ވަނަ ދުވަހުގެ 15:30 ގެ ނިޔަލަށް އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށެވެ. އަދި މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ ވެސް އެ މުއްދަތުގައި އެ ޕާޓީގެ މެމްބާޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ދިހަ ދާއިރާއަކުން އަލަށް އިންތިހާބް ކުރުމަށް ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބް ރައީސުންނާއި ސެކްރެޓަރީންނާއި ސެކްރެޓަރީންގެ ނާއިބުގެ އިތުރުން މައުލޫމާތާއި އިސްތިހާރާއި އާއްމުއެންގުންތަކާ ބެހޭ ސެކްރެޓަރީގެ މަގާމުތައް ހިމެނެ އެވެ. މި މިދާއިރާތަކުގެ އިންތިހާބް ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 25 ގަ އެވެ.
އެ ޕަޓީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މީޑިއާ އޮފިޝަލް އަލީ ނިޔާޒު މިއަދު ވިދާޅުވީ އެމްޑީޕީގެ ހުސްވެފައިވާ ދާއިރާތަކަށް މީހުން މީހުން އިންތިހާބް ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެ މަގާމުތައް މިހާރު ހުސްވެފައިވާތީ ކަމަށެވެ. އަދި ކޮންގްރެސްގެ ކުރިން އެ މަގާމުތައް އިންތިހާބްކޮށް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ މި އިސްކަން ދެނީ ދާއިރާތަކުން ހުސްވެފައިވާ މަގާމުތައް އިންތިހާބް ކުރުމަށް. ކޮންގްރެސްގެ ކުރިން އެ މަގާމުތައް އިންތިހާބް ކޮށް ނިންމާލެވޭނެ،" ނިޔާޒު ވިދާޅުވި އެވެ.
އަންނަ ޖޫން މަހުގެ ހައެއް އަދި ހަތެއްގައި އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ޕާޓީން ވަނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބަަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ދާއިރާތަކުގެ އިންތިހާބަށް ނުވަ މަގާމެއް އެޕާޓީން ވަނީ އިތުރުކޮށްފަ އެވެ.
މީގެއިތުރުން ޕާޓީގެ ޒުވާނުންގެ ހިތްވަރު އަދި އަންހެނުންގެ ރޫޙުގެ 24 މަގާމެއް އިންތިހާބް ކުރުމަށް އެ ޕާޓީން މިއަދު ވަނީ ހުޅުވާލައިފަ އެވެ.
އެމްޑީޕީގެ ހުސްވެފައިވާ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 20 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ އެވެ.