ބާސެލޯނާ އަށް މި ސީޒަނުގެ ސްޕެނިޝް ލަލީގާ ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދެއް ނެތް ކަމުގައި އެކްލަބުގެ އާޖެންޓީނާ ޑިފެންޑަރު ހާވިއާ މަޝެރާނޯ ބުނެފި އެވެ.

ލަލީގާގައި މިދިޔަ ހޮނިހިރު ދުވަހު ގްރެނޭޑާއާ ދެކޮޅަށް ކުޅެ 1-0 ލަނޑުން ބާސާ ބަލިވި މެޗަށް ފަހު، އެ ޓީމު ވަނީ ލީގުގެ ތިންވަނަ އަށް ވެއްޓިފަ އެވެ. ބާސާގެ ކުރީގައި އޮތީ މެޑްރިޑްގެ ދެ ވާދަވެރިން ކަމަށްވާ އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑެވެ.

"މިހާރު ލީގު އޮތީ އަހަރެމެންނަށް އަތް ފޯރާ ފަށަކު ނޫން،" ބާސާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި މަޝެރާނޯ ބުންޏެވެ. "ގްރެނޭޑާ އަތުން ބަލިވެގެން ދިޔައީ ޗެމްޕިއަންސް ލީގުން ކަޓައިގެން ދިއުމުން ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އަހަރެމެންނަށް ގިނަ ފުރުސަތުތަކެއް ލިބުނު. އެކަމަކު ގޯލުގެ ތެރެއަށް ބޯޅަ ވަންނާކަށް ބޭނުމެއް ނުވި،"

ކުރީގެ ލިވަޕޫލް ކުޅުންތެރިޔާ މަޝެރާނޯ ދެން އަލިއަޅުވާލީ، ކުރިއަށް އޮތް ކޮޕާ ޑެލްރޭ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ މުހިންމު ކަމާއި މެދުގަ އެވެ.

"އަހަރެމެން ދެން ވިސްނަންވީ ކުރިއަށް ހުރި މެޗުތަކާ މެދު. ބުދަ ދުވަހު ކުޅޭ ފައިނަލު މެޗަކީ އަހަރެމެންނަށް ވަރަށް މުހިންމު މެޗެއް. އެ މެޗުން އަހަރެމެން ފެއިލްވިޔަ ދީގެން ނުވާނެ،" އޭނާ ބުންޏެވެ.

ކޮޕާ ޑެލްރޭ ފައިނަލުގައި ރެއާލްއާ ދެކޮޅަށް ބާސާ ނުކުންނާނީ އަންނަ ބުދަ ދުވަހު ވެލެންސިއާގެ މެސްޓަލާ ސްޓޭޑިއަމްގަ އެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ބުދަ ދުވަހުގެރޭ މެންދަމު 12:45 ގަ އެވެ.