14 Apr 2014, 12:42
އިނގިރޭސި އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި ވިގަން އެތުލެޓިކްއާ ދެކޮޅަށް އާސެނަލް މޮޅުވާން ހިތްވަރުކުރީ އެކްލަބުގެ ކޯޗު އާސެން ވެންގާއަށްޓަކައި ކަމަށް އާސެނަލްގެ ބެލްޖިއަމް ޑިފެންޑަރު ތޯމަސް ވަމާލިން ބުނެފި އެވެ.
އެފްއޭ ކަޕުގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުގެ 63 ވަނަ މިނެޓްގައި ވިގަންގެ ޔޯޑީ ގޮމޭޒްގެ ޕެނަލްޓީއާ އެކު އާސެނަލް ބަލިވަމުން ދަނިކޮށް، މެޗު ނިމެން އަށް މިނެޓްވެފައި ވަނިކޮށް އެ ޓީމު ސަލާމަތްކޮށްދިނީ ޖަރުމަން ޑިފެންޑަރު ޕާ މަޓެސޭކާ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ލަނޑުން އެއްވަރުވުމުން، އިތުރު ވަގުތު ކުޅެ ޕެނަލްޓީ ޖަހައިގެން އާސެނަލް ފައިނަލަށް ދަތުރުކުރީ 4-2 ލަނޑުންނެވެ.
"މެޗުގެ ނަތީޖާ މިގޮތަށް އައީ ތަފާތު ސަބަބުތަކަކާ ހުރެ. އަހަރެމެން އެގޮތަށް މަސައްކަތްކުރީ ކޯޗު ވެންގާއަށްޓަކައި. އަދި އަހަރެމެން މި ދައްކުވައިދިނީ އާސެނަލްއަށް ހިތްވަރާއެކު މަސައްކަތް ކުރެވޭނެކަން،" ވަމާލިން ބުންޏެވެ. "މެޗުގައި ދެއްކުނު ކުޅުމުގެ ސަބަބުން ސީޒަނުގެ ކުރިއަށް އޮތް ތާނގައި އަހަރެމެންނަށް އިތުރު ހިތްވަރެއް ލިބޭނެ،"
އެފްއޭ ކަޕުގެ ސެމީގައި ވިގަންއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ގޯލްކީޕަރު ލޫކަސް ފަބިއަންސްކީގެ ކުޅުން ފާހަގަކޮށްލެވެ އެވެ. ދެ ޕެނަލްޓީ ދިފާއުކުރި ފަބިއަންސްކީ އަށް ވަމާލިން ވެސް ތައުރީފްކުރި އެވެ.
"ފަބިއަންސްކީ އަކީ ވަރަށް މޮޅު ގޯލްކީޕަރެއް. އޭނާ އެކަމަށްޓަކައި ވަރަށް މަސައްކަތްކުރޭ. ފެނިގެން މިދިޔައީ އެ މަސައްކަތުގެ ނަތީޖާ،" ވަމާލިން ބުންޏެވެ.