ރާއްޖޭގައި ފުރަތަމަ ފަހަރަށް ތިންކޮޅު ބަހުސެއް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުނެފި އެވެ.

ދިވެހި ބަހުގެ އެކަޑަމީން ބުނީ އެ ބަހުސް ކުރިއަށް ދާނީ މިހާރު ހިނގަމުންދާ 29 ވަނަ ގައުމީ ވާހަކަދެއްކުމުގެ މުބާރާތަށް ފަހު، މިމަހުގެ 21 ވަނަ ދުވަހު ކަމަށެވެ. ގައުމީ ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ނިމޭނީ މާދަމާ އެވެ.

ތިންކޮޅު ބަހުސްގައި ވާދަކުރާނީ ވާހަކަދެއްކުމުގެ މުބާރާތުގެ ތެރެއިން ކުރިއަށްދާ، އޮފީސް ކުންފުނި ޖަމިއްޔާ ޖަމާއަތްތަކުގެ ބަހުސްގައި ބައިވެރިވާ ހަތަރު ޓީމުގެ ތެރެއިން ހޮވާލެވޭ ޓީމަކާއި ހދ. އަތޮޅުންނާއި އައްޑޫ އަތޮޅުން ހޮވާލެވޭ ޓީމެއްގެ ދެމެދުގައި ކަމަށް ވެސް އެ އެކަޑަމީން ބުންޏެވެ.

"އެ ބަހުސަކީ ވަގުތުން ގެނެސްދޭނެ ބަހުސް އެއް. މި ބަހުސް ކުރިއަށްގެންދާނީ ތިން ތަނުގައި މި ތިން ޓީމު ތިބެގެން އެއްވަގުތެއްގައި އެއްބަޔަކު އަނެއްބަޔަކަށް ފެނިގެން ކުރިއަށް ގެންދާ ގޮތަށް،" އެކަޑަމީން ބުންޏެވެ.

އެ އެކަޑަމީން ބުނީ ތިން ޓީމު ތިން ތަނެއްގައި ތިބެގެން ކުރިއަށްގެންދަން ރާވާފައިވާ އެ މުބާރާތަށް ވާންޖެހޭ ތައްޔާރީތައް ދިވެހިބަހުގެ އެކެޑަމީ އާއި ވީޓީވީ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގެ ދަށުން، 2011 ވަނަ އަހަރުގެ މެއި މަހު ތަސްދީގުކޮށް، އޮގަސްޓް 8، 2011 ގައި އުފެއްދި ދިވެހި ބަހުގެ އެކަޑަމީން ވަނީ "އެޗްއެސްސީ ދިވެހި"ގެ ނަމުގައި މަތީސާނަވީ އަށް ކިޔަވާ ދަރިވަރުންނާއި މުދައްރިސުންނަށް ހާއްސަ ދިވެހި ފޮތެއް މިދިޔަ ހަފްތާގެ ބުދަ ދުވަހު ނެރެފަ އެވެ.