އިނގިރޭސި ޕްރިމިއާ ލީގުގައި ސްވަންސީ ސިޓީ އަތުން ޗެލްސީ މޮޅުވެ، އަނެއްކާވެސް ސެނަގާލް ފޯވަޑް ޑެމްބަ ބާގެ ނަން ސުރުހީތަކަށް އަރައިފި އެވެ.

ސްވަންސީގެ ލިބާޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ނިމިގެންދިޔައީ 1-0 ލަނޑުން ޗެލްސީ މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާ މި މެޗުގެ ހަމައެކަނި ލަނޑު ޗެލްސީ އަށް ބާ ކާމިޔާބު ކޮށްދިނީ 68 ވަނަ މިނެޓްގަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުން ފެށިގެން ސްވަންސީ ކުޅެމުން ދިޔައީ 10 ކުޅުންތެރިންނާއެކު އެވެ.

ޗެލްސީ އަށް ލިބުނު މޮޅާއެކު އެއްވަނައިގައި އޮތް ލިވަޕޫލް އަށް އިތުރު ޕްރެޝަރަކާއި ކުރިމަތިލާން ޖެހޭނެ އެވެ.

ސްވަންސީ ކޮޅަށް ބާ ކާމިޔާބުކުރި ލަނޑަކީ މީގެ ފަސް ދުވަސް ކުރިން ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) ޗެމްޕިއަންސް ލީގުން ކަޓުވާލުމަށް ކާމިޔާބުކުރި މުހިންމު ލަނޑަށްފަހު، ކާމިޔާބުކުރި ފާހަކަކޮށްލެވޭ އިތުރު ލަނޑެކެވެ.

މެޗުގައި ސްވަންސީ އަށް 10 ކުޅުންތެރިންނާއެކު ކުޅުމަށް މަޖުބޫރުވީ އެކްލަބުގެ ސްޕެއިން ޑިފެންޑަރު ޗިކޯ ފޮލޮރެސް އަށް ދެއްކި ދެވަނަ ރީނދޫ ކާޑުގެ ސަބަބުންނެވެ. ޗިކޯ އަށް ދެއްކި ފުރަތަމަ ރީނދޫ ކާޑު ދެއްކިތާ ދެ މިނެޓް ފަހުން ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކަން ޖެހުނީ ޗެލްސީގެ ޖަރުމަން މިޑްފީލްޑަރު އަންދްރޭ ޝޫލާ އަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

ސްވަންސީ އަށް ލިބުނު ބައްޔާއެކު ރެލިގޭޝަނުގެ ބިރު އެކްލަބަށް އެބައޮތެވެ. ލީގުގެ 15 ވަނައިގައި އޮތް ސްވަންސީއާ ރެލިގޭޝަން ޒޯނުގެ އެންމެ ކުރީގައި އޮތް ފުލަމްއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ތަފާތެކެވެ. އަންނަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ސްވަންސީ ނުކުންނަން ޖެހޭނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.

ރޭގެ ކާމިޔާބާ އެކު ދެވަނައިގައި އޮތް ޗެލްސީއާ އެއްވަނައިގައި އޮތް ލިވަޕޫލާއި ދެމެދު އޮތީ ދެ ޕޮއިންޓްގެ ތަފާތެކެވެ. ލީގުގައި މި ދެޓީމަށް ވެސް ބާކީ އޮތީ ހަތަރު މެޗެވެ. ކުޅުނު 32 މެޗުން ލީގުގެ ތިންވަނައިގައި އޮތީ، ލިވަޕޫލް އަތުން ރޭ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު މެންޗެސްޓާ ސިޓީ އެވެ.