ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް 370 ހޯދުމަށް ކަނޑުއަޑީގައި ދުއްވާ ޑްރޯންއެއް ފޮނުވަން އެމަސައްކަތުގައި އުޅޭ އޮސްޓްރޭލިއާ ޓީމުން ތައްޔާރުވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ސިޑްނީ މޯނިން ހެރަލްޑް ނޫހުން މިއަދު ބުނީ ބްލޫފިން-21 ނަމަކަށް ކިޔާ ޑްރޯން މަދު ގަޑިއިރުތަކެއްގެ ތެރޭގައި ކަނޑު އަޑިއަށް ފޮނުވާނެ ކަމަށް ޖޮއިންޓް އެޖެންސީ ކޯޑިނޭޝަން ސެންޓަރުގެ ޗީފް ކޯޑިނޭޓަރު އަދި އޮސްޓްރޭލިއާގެ ކުރީގެ ޗީފް އޮފް ޑިފެންސްފޯސް ރިޓަޔާޑް އެއާޗީފް މާޝަލް އެންގުސް ހައުސްޓަން ވިދާޅުވި ކަމަށެވެ.

މަތިންދާބޯޓް ވެއްޓިފައިވާ ކަމަށް މިހާރު ބަލަމުން އަންނަ ސަރަހައްދުގެ ކަނޑުގެ ހަތަރު ކިލޯމީޓަރު އަޑިއަށް ބްލޫފިން ފޮނުވަން ވަނީ ނިންމާފަ އެވެ. އެޑްރޯން އިން ބަލަން ކަނޑައަޅާފައި ވަނީ އަށް ކިލޯމީޓަރު ދިގު އަދި ފަސް ކިލޯމީޓަރު ފުޅާ ސަރަހައްދެކެވެ.

ކަނޑު އަޑީގެ ތްރީޑީ މެޕް ކުރެހުމުގެ ގާބިލުކަން ލިބިފައިވާ އެޑްރޯން ފޮނުވި ނަމަވެސް އުއްމީދުތައް މާ މަތި ނުކުރުމަށް ހައުސްޓަން ވަނީ ގޮވައިލައްވާފަ އެވެ.

" އޮޓޮނޮމަސް އަންޑަވޯޓަ ވެހިކަލް ފޮނުވުމުގެ ނަތީޖާއެއްގެ ގޮތުން މަތިންދާބޯޓްގެ ހަލާކުވެފައިވާ ބައިތައް ފެނިދާނެ ކަމަށް ދެކި އުއްމީދުތައް މަތި ނުކުރުމަށް އަޅުގަނޑު އިންޒާރުކުރަން. އެކަން ނުވެދާނެ،" ހައުސްޓަން ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ކަނޑުއަޑިއަށް ޑްރޯން ފޮނުވަން ނިންމާފައި މިވަނީ ބޯޓް ވެއްޓުނު ކަމަށް ބެލެވޭ ސަރަހައްދުން މިދިޔަ އަންގާރަދުވަހު ލިބުނު ސިގްނަލްއަށް ފަހު އެފަދަ ސިގްނަލެއް ނުލިބުމުންނެވެ.

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މަހު އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.