އައްޑޫ ސިޓީގެ މަރަދޫ ބަނދަރު ސަރަހައްދުގައި މަސް ފެކްޓަރީއެއް އެޅުމަށް ބިން ބޭނުންވާ ކަމަށް ސަރުކާރުން އެދިފައިވީ ނަމަވެސް އެ ސަރަހައްދުން ބިން ދޫކުރެވެން ނެތް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މަސްވެރިކަމުގެ މަސައްކަތަށް ކޫއްޑޫ ފިޝަރީޒް އަށް އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރި ބަނދަރާ އިންވެގެން އެ ބަނދަރުގެ އިރު އުތުރުން އާފޭރަ ސަރަހައްދުން ހިއްކާފައިވާ ސަރަހައްދުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 861013 އަކަފޫޓުގެ ބިމެއް ދޫކޮށްފައި ވަނިކޮށް، މަރަދޫ ބަނދަރު ސަރަހައްދުގައި މަސްފެކްޓަރީއެއް އެޅުމަށް ބިމެއް ދޫކޮށްދިނުމަށް އެދި މިމަހުގެ ހަވަނަ ދުވަހު ފިޝަރީޒް މިނިސްޓްރީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"މި މައްސަލައިގައި ގޮތެއް ނިންމުމަށް ކައުންސިލުގައި މަޝްވަރާކުރުމަށް ވަނީ އެޖެންޑާ ކުރެވިފަ އެވެ. ނަމަވެސް މަރަދޫ ބަނދަރާ ދިމާލުން އެ ސަރަހައްދުގައި މަސް ފެކްޓަރީއެއް އެޅުމަށް މިވަގުތު ބިން ނެތެވެ. މަރަދޫ ބަނދަރު ސަރަހައްދުން ކައުންސިލުން ވަނީ މީގެ ކުރިން ދެ ފަރާތަކަށް ބިން ހަމަޖައްސަވާފަ އެވެ. އެހެން ކަމުން އެ ސަރަހައްދުން ބިން ބޭނުން ނަމަ ޖެހޭނީ، ބިން ހިއްކާށެވެ." ސިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވަނީ، އައްޑޫ ސިޓީގެ ތަރައްގީއަށް އައްޑޫ ސިޓީ ކައުންސިލުން ހުރަސްއަޅާކަމަށް ބުނެ ސަރުކާރުގެ ބައެއް މަސްއޫލުވެރިން ދައްކަވާ ވާހަކަފުޅުތަކަކީ، އެ ސިޓީ ތަރައްގީކޮށް ނުދޭން ދައްކަވާ ވާހަފުޅުތަކެއް ކަމަށް އެ ކައުންސިލުން ދެކޭ ކަމަށެވެ.

"އައްޑޫ ސިޓީ ކައުންސިލަކީ، އައްޑޫ ރައްޔިތުންގެ ތަރައްގީ އަށް މަސައްކަތް ކުރައްވަން އައްޑޫ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލެކެވެ. އައްޑޫ ސިޓީ ކައުންސިލް ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުރިހާ ކައުންސިލަރުން ވަނީ، މި ސަރުކާރަށް ފުރިހަމައަށް އެއްބާރުލުންދީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ." އެ ބަޔާނުގައިވެ އެވެ.

އައްޑޫ ސިޓީ ތަރައްގީ ނުކުރެވެނީ އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ތަރައްގީ އަށް ހުރަސްއަޅަމުން ގެންދާތީ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ ކަމަށް "މިއަދު" އޮންލައިންގައި ޝާއިއުކޮށްފައިވާ ހަބަރަކަށް ރައްދުދީ، އައްޑު ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ހަބަރުގައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި މީޑިއާތަކުން ޒިންމާދާރުކަމާ އެކު އެ ފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން އުންމީދުކުރާ ކަމަށެވެ.