14 Apr 2014, 10:48
ބެލްޖިއަމް އަށާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަފީރު ކަމަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ފޮނުއްވި ހަސަން ސޯބިރުގެ ނަންފުޅު އަނބުރާ ގެންދަވައިފި އެވެ.
ސޯބިރުގެ ނަންފުޅު އަނބުރާ ގެންދެވިކަން މަޖިލީހަށް އަންގަވާފައި ވަނީ މިއަދު އެވެ.
މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ބެލްޖިއަމް އަށާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަފީރު ކަމަށް ކަނޑައެޅުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވި ގ. ފިޔާތޮށިގޭ ހަސަން ސޯބިރުގެ ނަންފުޅު އަނބުރާ ގެންދެވާފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ ސޯބިރުގެ ނަންފުޅު އަނބުރާ ގެންދެވިކަން ރައީސް ޔާމީން އަންގަވާފައި ވަނީ މަޖިލީހުގެ ރައީސް އަށް ފޮނުއްވި ސިޓީއެއްގައި ކަމަށެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ޕާކިސްތާނުގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން މަޖިލީހުން ރުހުން ހޯދުމަށް ފޮނުއްވި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް ރިޓެޔާޑް މޫސާ އަލީ ޖަލީލްުގެ ނަންފުޅު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލަމަތު ކޮމެޓީ އަށް ފޮނުވާފަ އެވެ.