14 Apr 2014, 10:22
ޑައިވިނަށް ގޮސް އުޅެނިކޮށް ނުވަތަ އެހެން ހާލަތެއްގައި ނަމަވެސް ހިނގާ ހާދިސާތަކުގައި ކަނޑަށް މަރުވެ ކަނޑުއަޑިއަށް ގޮސްފައި ތިބޭ މީހުން ހޯދައި އެމީހުން ނެގުމަށް ހާއްސަ ރޮބަޓެއް މި އަހަރު ނިމުމުގެ ކުރިން ރާއްޖެ ގެންނަވަން މަސައްކަތް ކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ އެމްއެންޑީއެފުން ބައިނަލް އަގްވާމީ ފެންވަރަށް ދެވަނަ ކޯސްޓްގާޑް ބޭސިކް ޑައިވިންގް ކޯސް ނިންމާލުމަށް ގިރިފުށި ޓްރެއިނިންގް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑައިވިނަށް ގޮސް އުޅޭ މީހުން މަރުވި ކަމުގައި ވިޔަސް މައްޗަށް ނާރަނީ އެމީހުން އަޅާފައި ހުންނަ ބެލްޓެއްގެ ބަރުދަނުގެ ސަބަބުން ކަމަށް ވާ އިރު ފުރަތަމަ ގެންނަ ރޮބަޓަކީ އެ ބެލްޓް ކަނޑާލާ އެމީހުން ނެގުމުގެ ގާބިލްކަން ލިބިފައިވާ ރޮބަޓެއްކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ދެވަނަ ރޮބަޓަކީ ޑައިވިނަށް ގޮސް އުޅެނިކޮށް ނުވަތަ އެހެން ގޮތަކުން ނަމަވެސް ކަނޑުއަޑީގައި މަރުވެފައި ތިބޭ މީހުން ހޯދުމަށް ހާއްސަ ރޮބަޓެއްކަމަށް ނާޒިމް ވިދާޅުވި އެވެ.
ދާދިފަހުން ވިލިމާލެ ކައިރިއަށް ޑައިވިނަށް ގޮސް އުޅުނު މީހާ ވެސް ކަނޑުއަޑިން ނެގުމުގެ މަސައްކަތަށް އެޅުނު އެންމެ ބޮޑު ހުރަހަކީ އެކަމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަށް ނެތުން ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން މިހާރު ގެންނަވަން ނިންމަވާފައިވާ ދެ ރޮބަޓަކީ އެފަދަ މަސައްކަތްތަކަށް ކޯސްޓްގާޑަށް ޒަމާނީ ވަސީލަތެއް ހޯދެވުމަށް ކުރައްވާ ކަމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން ކެޕްޓަން އަލީ އިހްސާން ވިދާޅުވީ ރިމޯޓްލީ އޮޕަރޭޓެޑް ވެހިކަލް ނުވަތަ އާރުއޯވީ ވެހިކަލްގެ ތަފާތު ރޭންޖްތަށް ހުންނަ ކަމަށާއި ރާއްޖެ އަށް ގެނައުމަށް ނިންމަވާފައި ވަނީ 12000 ޑޮލަރު (185،040 ރުފިޔާ)ގެ އަގުހުރި ރޮބަޓެއް ކަމަށެވެ.