އެއީ އާދަޔާ ހިލާފް ކަމެކެވެ. އެތައް ހާސް ގުންބަޅައެއް ރ. އިނގުރައިދޫ ގޮނޑުދޮށަށް ލެއްގީ އެވެ. ރަށުން ބުނާ ގޮތުގައި ގާތްގަނޑަކަށް 10،000 އަށް ވުރެ ގިނަ މަސް އެ ރަށަށް ލެއްގި އެވެ. ސަބަބެއް ނޭނގެ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ރަށް ރަށަށް މިގޮތަށް މަރުވެފައި ހުރި މަސް ލައްގާފައިވެ އެވެ. މީގެ ދެތިން އަހަރެއް ކުރިން ބ. ކަމަދޫ ވެސް މިފަދަ ހާދިސާއެއް ތަޖުރިބާ ކުރި އެވެ. އަދި މިއީ މީގެ އެތައް އަހަރެއް ކުރިން ވެސް ދޭތެރެއަކުން ރާއްޖެ އަށް މިފަދަ ހާދިސާތައް ދިމާވެ އެވެ.

މި ލިޔުމުގައި މި ބަލާލަނީ ގިނަ އަދަދެއްގެ މަސް، އެއްފަހަރާ މަރުވާން ދިމާވެދާނެ އާދަޔާ ހިލާފް ގުދްރަތުގެ ހަރަކާތްތަކަށެވެ. މި ވާހަކަތައް ނޫހާ ހިއްސާ ކުރެއްވީ ޑރ. މުޙައްމަދު ޝިހާމް އާދަމް އެވެ. އޭނާ އަކީ މެރިން ރިސާޗް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް އެވެ. މަސްވެރިކަމާއި މަސްމަހާމެހީގެ ކުޅަދާނަ ތަޖުރިބާކާރެކެވެ.

އަލްގީ އާދަޔާ ހިލާފަށް ގިނަވުން

އަލްގީއަކީ ލޮލަށް ނުފެންނަ މައިކްރޮސްކޯޕިކް ޕްލާންޓެކެވެ. ލޮނުގަނޑުގެ ހޫނުމިން މަތިވެ، އޮއި ދައުރުވުން މަޑުވެއްޖެ ނަމަ ގިނައިން އަލްގީ އުފެދޭ ގޮތް މެދުވެރިވެ އެވެ. އަލްގީ ވަކި ވަރަކަށް ވުރެ ގިނަވެއްޖެ އޭގެ އަސަރު މަސްތަކަށް ކޮށްފާނެ ކަމަށް ޑރ. ޝިހާމް ދެކިވަޑައިގަންނަވަ އެވެ.

"ފެން ގަނޑު ހޫނުވެފައި ފެނުގެ މޫވްމަންޓް ނުވަތަ ފެން ދައުރު ކުރުން ކޮންމެވެސް ވަރަކަށް ހުއްޓުން ނުވަތަ މަޑުވުން. ފުރަތަމަ ކަމަކަށް މި ދުވަސްވަރަކީ އެންމެ ހޫނުވާ ދުވަސްވަރު. މާޗް އޭޕްރީލް އަކީ ރާއްޖޭގެ ކަނޑުގެ މަތީ ފަށަލަ ނުވަތަ ޖައްވު ހޫނުވެގެން އެކަމުގެ ސަބަބުން އިރުގެ ދޯދީގެ ހަކަތަ އެންމެ ބޮޑަށް ފެންގަނޑުގެ މައްޗަށް ފޯރުކޮށްދޭނެ ދުވަސްވަރު. އެހެންވުމާ އެކު ފެނުގެ ހޫނުމިން އެހެން ދުވަސްތަކަށް ވުރެ މަތީގައި އުޅޭނީ."

އަލްގީއަކީ އޭގެ ޓޮކްސިން ނުވަތަ ވިހަ މާއްދާތައް ވެސް އެ ސޮރުމެންގެ ގައިން އުފެދިދާނެ އެއްޗެކެވެ. އަލްގީ އާދަޔާ ހިލާފަށް ގިނަވެއްޖެ ނަމަ މަސް މަރުވާ ހިސާބަށް ދަނީ އެހެންވެ އެވެ.

"އެހެންވީމާ މި ދުވަސްވަރު ވައި މަޑުވެފައި އޮއެ މަޑުވެފައި ފެންގަނޑު ހިފަހައްޓާނެ މާހައުލެއް އޮވެއްޖެ ކަމަށްވަންޏާމު އެ ސަރަހައްދުގައި އެކަހަލަ ގޮތެއްވުމަކީ އެކަށީގެންވާ ކަމެއް. މި ހެދޭ އެއްޗަކީ އަލްގީ. ލޮލަށް ނުފެންނަ މައިކްރޮސްކޯޕިކް ޕްލާންޓެއް. މި އެއްޗެހި ވަކި ވަރަކަށް ވުރެ ގިނައިން އާބާދީ މަތިވެގެން މީގެ ހުންނަ ބައެއް ބާވަތުން ޓޮކްސިން ނުވަތަ ވިހަ މާއްދާތައް އުފައްދަނީ. އެހެންވީމަ އާދަޔާ ހިލާފަށް އެ ގުދްރަތީ ގޮތަށް ހުންނަ ވަރަށް ވުރެ ގިނަވެއްޖެޔާމު މަސްތައް އެހެންވެދާނެ [މަރުވެދާނެ]."

އައްސިދަގަރު

ޑރ. ޝިހާމް ވިދާޅުވާ ގޮތުން ނަމަ އައްސިދަގަރަކީ މުރަކަ ބިސް ދޫކުރުމަށް ދިވެހިން ކިޔައި އުޅޭ ނަމެކެވެ. މުރަކަތައް ބިސް ދޫކުރުމުގައި އާދަޔާ ހިލާފް ގޮތްތަކެއް ގެންގުޅެ އެވެ. ބައެއް ފަހަރު އެއް ރެއަކު އެ ސަރަހައްދެއްގައި ނުވަތަ އެ ފަރެއްގައި އުފެދިފައި ހުރިހާ މުރަކަތައް އެއް ފަހަރާ ބިސް ދޫކުރެ އެވެ. ރާއްޖެ ނޫން ނަމަވެސް އޮސްޓްރޭލިއާގައި ވެސް މިގޮތަށް މުރަކަތައް ހަރަކާތްތެރިވެ އެވެ.

"ދިވެހިން ކިޔާނެ އައްސިދަގަރޭ. އަޅުގަނޑަށް ހީވަނީ އެ ބުނަން އުޅެނީ ހަމަ މި ދުވަސްވަރަކީ ރާއްޖޭގެ މުރަކަތައް ބިސް ދޫކުރާ ދުވަސްވަރު. ބައެއް ދުވަސް ވަރު ހުރިހާ މުރަކަތައް އެއްފަހަރާ ނުވަތަ އެއް ރެއަކު ބިސް ދޫކުރާ ކަމަކީ ހަމަ އެނގޭ ކަމެއް. އޮސްޓްރޭލިޔާގައި އެގޮތަށް ހަމަ މުރަކަތައް އެގޮތަށް ހަދާ. ރާއްޖޭގައި ވެސް އެހެން ވެފައި އެބަ ހުރި."

ހަމައެކަނި ރާއްޖެ އަށް ބަލައިފި ނަމަ މިއީ ރާއްޖޭގައި މުރަކަތައް އެގޮތަށް ބިސް ދޫކުރާ މޫސުމެވެ. އެތައް ހާސް ބިހެއް އެގޮތަށް ދޫކޮށްފައި ހުއްޓާ ބައެއް ފަހަރު ކަންދިމާވާ ގޮތުން ލޮނުގަނޑު ދައުރުވުން ހިފެހެއްޓިފަ އޮވެއްޖަ ނަމަ ބިސްތައް މޫދަށް ގިނަ ވަނީ އެވެ. އެއިރުން އެހެން މަސްތަކަށް ބޭނުންވާ އޮކްސިޖަން މަދު ވަނީ އެވެ.

"އާންމު ގޮތެއްގައި [ރާއްޖޭގައި] އެހެން ވަނީ މި ދުވަސްވަރު. އެހެންވެއްޖެ ކަމަށްވަންޏާމު ބިހުގެ މިއުކަސްތަކާ އެއްޗެހި އޮއިވަރާއެކު ރަނގަޅަށް ފެތުރިގެން ނުގޮސްފި ކަމަށްވާ ނަމަ ހިފެހެއްޓިފައި އޮވެދާނެ. ހިފެހެއްޓިއްޖެ ކަމަށްވާ ނަމަ އޭގެ މާނައަކީ މި އެއްޗެހި ވާނީ ކާނާއަކަށް. ކާނާއަކަށް ވެއްޖެ ކަމަށްވާ ނަމަ އެ ސަރަހައްދުގައި ހުރި އޮކްސިޖަންތައް މަރުވާނެ. ނުވަތަ ބަޔޮލޮޖިކަލް އޮކްސިޖަން ޑިމާންޑް ދަށްވެގެންދާނެ ސަރަހައްދުގައި. އެހެންވެއްޖެ ކަމަށްވާ ނަމަ ބައެއް އެއްޗެހި އޮކްސިޖަން ސަފަކޭޓްވެދާނެ. އަޅުގަނޑުމެން އެއަށް ކިޔަނީ ހައިޕޮކްސިއާ. ހައިޕޮކްސިއާވެގެން ގިނަ އަދަދެއްގެ އެއްޗެހި މަރުވެގެންދާނެ."


ހޫނު ގަދަވެފަ އޮއި ދައުރުނުވުން

ޑރ. ޝިހާމް ކުރިން ފާހަގަ ކުރެއްވި ފަދައިން މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނު ގަދަވާ ދުވަސްވަރެވެ. ހޫނު ގަދަވުމުގެ ނަތީޖާ ކަރަންޓު ބިލުން ފެނުމުގެ އިތުރަށް ކަނޑަށް ވެސް މި ދަނީ އޭގެ އަސަރު ކުރަމުންނެވެ.

"ބައެއް ފަހަރު ފެންގަނޑު ދައުރުނުވާ ގޮތަށް ހިފެހެއްޓިފައި ހުންނަ ތަންތަނުގައި ފެންގަނޑު އާދަޔާ ހިލާފަށް ހޫނުވެފައި ގިނަ ވަގުތުތަކަކަށް ނުވަތަ ދުވަސްތަކެއް ވެއްޖެ ކަމަށްވާ ނަމަ މަސްތައް ހަމަ މަރުވާ ގޮތްވޭ."

ޑރ. ޝިހާމް އަޅުގަނޑުމެންނާ އެ ހިއްސާ ކުރެއްވީ އާދަޔާ ހިލާފް ގިނަ އަދަދަކަށް މަސް މަރުވުމަށް މެދުވެރިވެދާނެ ބައެއް ގޮތްތަކެވެ. މި ނޫން ސަބަބަކާ ހުރެ ނަމަވެސް މަސް މަރުވުން އެކަށީގެންވެ އެވެ. އެކަމަކު ގުދުރަތުގެ އަޖައިބެއް ފަދަ މި ހަރަކާތްތަކަކީ މައިގަނޑު ގޮތެއްގައި މަސް މަރުވުމަށް ދިމާވާ ތިން ސަބަބެވެ.