މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލް އަގްސާ ހިމެނޭ އިރުމަތީ ގުދުސްގައި އިސްރާއީލު ސިފައިން ތަޅައި ބިމާއިހަމަކުރި ފަލަސްތީނުގެތަކުގެ އަދަދު މިދިއަ އަހަރަށްވުރެ މިއަހަރު ސާޅީސް ފަހެއް އިންސައްތަ އިތުރުކަމަށް އދ. ން ބުނެފިއެވެ. އިސްރާއީލުގެ މިލާއިންސާނީ ޢަމަލުތައް ކުށްވެރިކުރަމުން އދ.ން ބުނީ އިސްރާއީލުން ގަދަބާރުން ހިފައި އަޅުވެތިކޮށްފައިވާ އިރުމަތީގުދުސްއާއި ހުޅަނގުއައްސޭރިން މިއަހަރު ތެރޭގައި އިސްރާއީލުން ތިންސަތޭކަ ނުވަދިހަ ހަ ގެ ތަޅާ ބިމާހަމަކޮށްފައިވާކަމުގައެވެ. މިކަމުގެ ސަބަބުން ފަލަސްތީނުގެ ފައްސަތޭކަ ފަސްދޮޅޮސްމީހުން މަގުމަތިވެ ރެފިއުޖީންނަށް ވެފައިވާ ކަމަށާއި މީގެތެރޭގައި ދުއިސައްތަ ކުޑަކުދިންވެސް ހިމެނޭކަމަށް އދ. ން ބުނެއެވެ.  މިދިޔަ އަހަރު އިސްރާއީލުންވަނީ އިރުމަތީ ޤުދްސާއި ހުޅަނގު އައްސޭރީން ފަލަސްތީނުގެ ދުއިސައްތަ ހަތްދިހަ ފަސްގެއެއްތަޅާލާފައެވެ.


އިސްރާއީލުގެ މިއަނިޔާވެރި އަމަލުތައް ކުށްވެރިކުރަމުން އދގެ މަސްއޫލުވެރިއެއް ކަމަށްވާ ބާބަރާ ޝެންސްޓޯން އިސްރާއީލަށް ގޮވާލެއްވީ ބައިނަލް އަގުވާމީ ގާނޫންތަކާއި އިންސާނީ އަސާސީ ޙައްޤުތަކާ ޚިލާފަށް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށެވެ. މިދިޔަ ހަފްތާގައިވެސް އިސްރާއީލުން ފަލަސްތީނު އާއިލާއެއްދިރިއުޅެމުންދިޔަ ގެއެއް ތަޅާލިކަމަށާއި އެއާއިލާ އެގެއިން ނުކުތުމަށް އިސްރާއީލުން ދިނީ އެންމެ ސައުވީސްގަޑިއިރުކަމަށްވެސް އދ. ގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.


ނަވާރަސަތޭކަ ފަސްދޮޅޮސް ހަތެއްގެ ހަނގުރާމައިގައި އިސްރާއީލުން އިރުމަތީގުދުސްހިފުމަށްފަހު އެތަން ޔަހޫދީކުރުމަށްޓަކައި ދެލައްކަ ފަންސާސްހާސް ޔަހޫދީންވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިރުމަތީ ޤުދްސުގައި މިހާތަނަށްވަނީ ވަޒަންވެރިކުރުވާފައެވެ. - ޖަވާދު