ކިޔެވް (އެޕްރީލް 14): ޔުކްރޭންގައި ރަޝިޔާއަށް ތާއީދުކުރާ ފަރާތްތަކުން ހިންގާ ވަކިވެގަތުމުގެ ހަރަކާތްތަކަކީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ވިދާޅުވެ އެކަންތައްތައް ހުއްޓުވާނެކަމުގެ އިންޒާރު އެގައުމުގެ ވަގުތީ ރައީސް އޮލިގްޒެންޑަރ ތުރްޗިނޯވް ދެއްވައިފި އެވެ.

ޔުކްރޭންގައި ރަޝިޔާއަށް ތާއީދުކުރާ ފަރާތްތަކުން ހިންގަމުން ގެންދަނީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ސިފަކުރައްވަމުން ތުރްޗިނޯވް ވިދާޅުވީ، އެކަމާ ދެކޮޅަށް ޔުކްރޭންގެ ސިފައިންނާއި ފުލުހުން ވަރުގަދަ އޮޕަރޭޝަނެއް ފަށަން ތައްޔާރުވަމުން ދާކަމަށާއި ޔުކްރޭން ފޮތިފޮތި ވިޔަ ނުދެއްވާނެ ކަމުގައެވެ.

ޔުކްރޭންގެ ރަސްމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި ތުރްޗިނޯވް ވިދާޅުވީ، ޔުކްރޭން ޓެރަރިޒަމްގެ މަރުކަޒަކަށް ވިޔަ ނުދެއްވާނެ ކަމަށާ އަދި ކްރައިމިޔާއަށް ވީގޮތް ޔުކްރޭންގެ އެހެން ސަރަހައްދަކަށް ވުމުގެ ފުރްސަތުވެސް ނުދެއްވާނެ ކަމުގައެވެ.

ތުރްޗިނޯވް މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ، ޔުކްރޭންގެ އިރުމަތީގެ ރަށެއްކަމަށްވާ ސޮލޮވިޔަންސިކްގައި ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ އިދިކޮޅު ފަރާތްތަކާއި ޔުކްރޭންގެ ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ބައެއްމީހުން މަރުވެ އިތުރުބަޔަކު ޒަޚަމްވީ ކަމުގެ ޚަބަރުތަކެއް ފެތުރިފައިވަނިކޮށެވެ.

ޔުކްރޭންގެ ދާޚިލީ ވުޒާރާ ބުނާގޮތުން ސޮލޮވިޔަންސިކްގައި ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވަނީ ރަޝިޔާއަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތްތަކުންނެވެ.

ޔުކްރޭންގެ އިންތިޚާބީ ސަރުކާރު ގަދަބާރުން ވައްޓާލުމަށްފަހު ހުޅަނގަށް ތާއީދުކުރާ ފަރާތްތަކުން ޔުކްރޭންގައި މިހާރު އުފައްދާފައިވާ ސަރުކާރުގެ ވަގުތީ ރައީސް އޮލިގްޒެންޑަރ ތުރްޗިނޯވް ވިދާޅުވާ ގޮތުން ހަތިޔާރުއެޅި މިޖަމާއަތްތަކުގެ ފަހަތުގައިވަނީ ރަޝިޔާ އެވެ.

ޔުކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ ރަޝިޔާއަށް ތާއީދުކުރާ ޖަމާއަތްތަކުން ޔުކްރޭންގެ ސަރުކާރާ ދެކޮޅަށް ހިންގަމުންގެންދާ ހަރަކާތްތަކަކީ ރަޝިޔާގެ އުދުވާނެއް ކަމަށާއި މިއުދުވާނާ ކުރިމަތިލުމުގައި ޔުކްރޭންގެ ސިފައިންނާއި ފުލުހުން އަތްއުރާލައިގެން ނުތިބޭނެ ކަމަށްވެސް ތުރްޗިނޯވް ވިދާޅުވިއެވެ.

ޔުކްރޭންގައި މިހާރުއޮތް ހުޅަނގަށް ތާއީދުކުރާ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކުން މިދިޔަ ހޮނިހިރުދުވަހު ވަނީ އެގައުމުގެ އިރުމަތީގެ ރަށެއްކަމަށްވާ ސޮލޮވިޔަންސިކްގެ ބޮޑު ބައެއް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސް އިތުރު ހަތަރު ރަށެއްގައިވާ ޔުކްރޭން ސަރުކާރުގެ އިމާރާތްތަކާއި މުހިއްމު މަރުކަޒުތައް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް މަސައްކަތް ފަށައިފައެވެ.

ޔުކްރޭންގެ ވަގުތީ ސަރުކާރަށް މަދަދުދޭ އެމެރިކާ އާއި ވިލާތުގެ ބާރުތަކުންވެސް ވަނީ ޔުކްރޭންގައި ހަރަކާތްތެރިވަމުންދާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ފަހަތުގައިވަނީ ރަޝިޔާކަމަށް ތުހުމަތުކޮށްފަ އެވެ. ހަތިޔާރުއެޅި އިދިކޮޅު ޖަމާއަތްތައް ހުއްޓުވައި ޔުކްރޭންގައި ސުލްހަ ގާއިމްކުރުމަށް އެހީތެރި ނުވާނަމަ ނުރައްކާތެރި ނަތީޖާތަކަކާ ރަޝިޔާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ އިއްޔެވަނީ ދެއްވާފަ އެވެ.

މީގެއިތުރުން ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް ރަޝިޔާއިން 40 ހާހަށްވުރެ ގިނަ ސިފައިންނާއި ބަރުހަތިޔާރު ރަޝިޔާއިން ޖަމާކޮށްފައިވާ ކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަނީ ރަޝިޔާގެ ބާރުތައް ޔުކްރޭންގެ ސަރަހައްދީ ރޮނގުން ބޭލުމަށް ރަޝިޔާއަށް ގޮވާލައްވާފަ އެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީލާވްރޯވް އިއްޔެވަނީ ޔުކްރޭންގެ ވެރިކަމުގައި މިހާރުތިއްބެވި ހުޅަނގަށް ތާއީދުކުރާ ލީޑަރުންނަށް އެގައުމު ކޮންޓްރޯލް ނުކުރެވޭ ކަމަށް ތުހުމަތު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުކްރޭންގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާއެޅި ޖަމާއަތްތަކުން ވަނީ އެގައުމުގެ އެތަށް ސަރަހައްދެއްގައިވާ ފުލުހުންގެ މަރުކަޒުތަކާއި ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތައް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސް ޔުކްރޭންގެ ވަގުތީ ސަރުކާރާ ދެކޮޅަށް އާދަޔާ ޚިލާފު ހަލުއި މިނެއްގައި ހަރަކާތްތެރިވާން ފަށައިފައެވެ. (ރޮއިޓާސް)