ޕޮރޮސިކިޔުޓާ ޖެނަރަލް (ޕީޖީ) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގަވަރުނަރުކު އައްޔަން ކުރަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ، ކޯރަމް ހަމަ ނުވެގެން ލަސްވެއްޖެ އެވެ.

މިއަދު 9:00 ގައި ފަށަން ހަމަޖެހިފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަސްކޮށްފައި މިވަނީ ޖަލްސާ ފަށާ ވަގުތު ޖެހުނުއިރުވެސް ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ.

މިއަދުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ކޯރަމް ހަމަވޭތޯ ދެ ފަހަރެއްގެ މަތިން ފަސްމިނިޓްގެ ރަނގަބީލް ޖެހުމަށް ފަހު ވެސް ކޯރަމް ހަމަވެފައިނުވާތީ ދެން މަޖިލީހުގެ ޖަލްސާ ފަށާނީ 10:00 ގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ހަ ވަނަ ޖަލްސާ އަށް އެޖެންޑާކޮށްފައި ވަނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މެންބަރަކު އައްޔަނު ކުރެއްވުމުގެ މައްސަލައިގެ ރިޕޯޓާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމުގެ މައްސަލައިގެ ރިޕޯޓާއި ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމުގެ މައްސަލަ އެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ އެއާޕޯޓުތަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖް ނެގުމާބެހޭ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ މަސައްކަތާއި އަދި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީގެ ކުޑަ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު ހުށަހެޅުވުމުގެ މަސައްކަތް މުޅި މަޖިލީސް އެކުގައި ކޮމިޓީއަށް ދިޔުމަށްފަހު ކުރިއަށް ގެންދެވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރައީސާއި ނާއިބު ރައީސް އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ނަމަވެސް އެ ތަނަކަށް ބޭނުންވާ މުވައްޒަފުންނާއި ހަރަދު ދައުލަތުން ދިނުމަށް ހުށަހެޅި ބިލް ވެސް އެޖެންޑާކޮށްފަ އެވެ.