14 Apr 2014, 09:13
ނިއުދިއްލީ (އެޕްރީލް 14): ތަފާތު ފަސް ދާއިރާއެއްގައި ވަރަށް ބޮޑު އިންވެސްޓްމަންޓްތަކެއް ވަރަށް އަވަސް ފުރްސަތެއްގެ ތެރޭގައި އިންޑިޔާއަށް ބޭނުންވެފައިވާ ކަމަށް އެގައުމުގެ އާންމު އިންތިޚާބު ކާމިޔާބުކުރާނެ ކަމަށް ބެލެވިފައިވާ ބީޖޭޕީގެ އިސް ޝަޚްސިއްޔަތެއް ކަމަށްވާ އަރުން ޖެއިޓްލީ ވިދާޅުވެއްޖެ އެވެ.
ކޭންޕޭން ދަތުރުފުޅެއްގައި ޕަންޖާބުގައި އުޅުއްވުމަށްފަހު ދެއްވި ބަޔާނެއްގައި ޖެއިޓްލީ ވިދާޅުވީ، ކޮންމެ ޕާޓީއެއް އާންމު އިންތިޚާބު ކާމިޔާބު ކުރިނަމަވެސް އިންތިޚާބަށްފަހު އިންޑިޔާގައި އެކުލަވާލާ ސަރުކާރަކުން ތަފާތު ފަސް ދާއިރާއަކުން ބޮޑު އިންވެސްޓްމަންޓްތަކެއް ވަރަށް އަވަހަށް ކުރަންޖެހޭނެ ކަމުގައެވެ. މިއިންވެސްޓްމަންޓްތައް ނުކުރެވިއްޖެނަމަ އިންޑިޔާ އުންމީދުކުރާ ތަރައްގީ ހާސިލްނުކުރެވި އެތަށް އަހަރަކަށް އިންޑިޔާ ފަހަތަށްޖެހިގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިގްތިސާދީ ބޮޑުބާރަކަށް ވުމުގެ ގާބިލްކަން ލިބިފައިވާ އިންޑިޔާގެ ކުރިއެރުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަހަކީ އެގައުމުގެ އިންފްރާސްޓްރަކްޗަރ ގެ ބަލިކަށިކަން ކަމަށް ތަޖްރިބާކާރުން ދެކެއެވެ. އިންޑިޔާގެ މަގުތަކާއި ރޭލްވޭތަކާއި އެއަޕޯޓްތަކާއި ބަނދަރުތައްފަދަ އުމްރާނީ ތަރައްގީގެ އިންފްރާސްޓްރަކްޗަރ ޒަމާނާއެއްގޮތަށް ތަރައްގީކުރުމަށް މަދުވެގެން 1.5 ޓްރިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް އިންޑިޔާގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވަނީ ލަފާކޮށްފައެވެ. މިއީ އިންޑިޔާގެ ގައުމީ ބަޖެޓުން ކުރެވޭވަރުގެ ޚަރަދަކަށް ނުވާތީ މިކަން ކުރުމަށް އިންޑިޔާއިން މަސައްކަތްކުރަނީ ބޭރުގެ ބޭރުގެ އިންވެސްޓަރުން ހޯދުމަށެވެ.
އިންޑިޔާއަކީ ދުނިޔޭގެ އިގްތިސާދީ 10 ވަނަ ބާރަށްވިޔަސް ފާއިތުވި އަހަރުތަކުގައި އިންޑިޔާގެ އިގްތިސާދު ލަފާކުރިވަރަށް ކުރިޔަށްގޮސްފައެއް ނުވެއެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތައްވެސް ފާއިތުވި 5 އަހަރުތެރޭގައި އިންޑިޔާއަށް އައިސްފައިވަނީ ކުރީގެ އަހަރުތަކަށްވުރެ މަދުންނެވެ.
އިންޑިޔާގެ އާންމު އިންތިޚާބު ބީޖޭޕީ ކާމިޔާބުކޮށްފިނަމަ އަރުން ޖެއިޓްލީ އައްޔަންކުރާނީ މާލީ ވަޒީރަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާ ވިދާޅުވީ އިންޑިޔާއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ވަރަށް އަވަސް ފުރްސަތެއްގެ ތެރޭގައި ބޭނުންވާ ފަސްދާއިރާއަކީ އިންޑިޔާގެ އުމްރާނީ އޮނިގަނޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި ވޮކޭޝަނަލް ޓްރޭނިންއާއި ޓެކްނޮލޮޖީގެ ތައުލީމާއި ތަމްރީން ފެތުރުމާއި ޓޫރިޒަމް ތަރައްގީކުރުމާއި ގެދޮރުބިނާކޮށް ރައްފުށުގެ ތަރައްގީ އަށް އިސްކަންދިނުމާއި ވިޔަފާރީގެ މުއާމަލާތްތަކުގެ އަގު ތިރިކުރުން ކަމުގައެވެ.
އިންޑިޔާގެ އާންމު އިންތިޚާބު ކާމިޔާބުކުރާނީ ބީޖޭޕީ ކަމަށް ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވަމުން ދިޔަނަމަވެސް ބާރުގަދަ ސަރުކާރެއް އެކުލަވާލެވޭ މިންވަރަށް ބިޖޭޕީއަށާއި އެޕާޓީއާއެކު ކޯލިޝަން ހަދާނެ ކަމަށްބެލެވޭ ޕާޓީތަކަށް ގޮނޑި ނުލިބުމަކީ ވަރަށް ގާތް ކަމެއް ކަމަށް ސިޔާސީ ތަޖްރިބާކާރުން ދެކެއެވެ. އަދި ކިރިޔާ ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބޭވަރުގެ ބަލިކަށި އަދި ހެލިހެލި އޮންނަފަދަ ކޯލިޝަނެއްގެ ތެރެއިން ބީޖޭޕީ ވެރިކަމަށް އައިސްފިނަމަ އިންޑިޔާގެ ތަރައްގީއަށް ބޭނުންވާ ބޮޑެތި ކަންތައްތައް ކުރުން އެސަރުކާރަށް ދަތިވެގެންދާނެ ކަމުގެ ބިރުއެބައޮތް ކަމަށްވެސް މިފަރާތްތަކުން ދެކެއެވެ. (ނޫސްއެޖެންސީތައް)