ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު ހަމަޖެއްސުމުގައި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޖަޕާނުގެ ސަރުކާރުން ދެއްވި ދައުވަތަކަށް އެގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ކުރަން ރާވާފައިވާ ކަންތައްތަކަށް ސަމާލުކަންދޭ މިންވަރަށް، ރައްޔިތުންގެ މަޖިލީހުން ސަމާލުކަން ނުދެވޭ ނަމަ، އެކަމުގެ ޝަކުވާ އަންނާނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ.

"މަޖިލިސް ސްލޯޑައުންވެއްޖެއްޔާ ނުވަތަ ސަރުކާރުން ސަމާލުކަންދޭ މިންވަރަށް ކަންކަމަށް ސަމާލުކަން ނުދެއްވާ ކަމަށްވާ ނަމަ، އޭގެ އުދަނގޫ އެންމެ ފުރަތަމަ އުފުލަންޖެހޭނީ އަޅުނގަޑާ. އަޅުނގަޑު ރައްޔިތުންނަށް ޒިންމާދާރުވާ މީހަކަށް މިހުރީ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ޕީޕީއެމަށް ލިބެން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރިޔާސަތާ ގުޅޭ އެއްވެސް މަޝްވަރާތަކެއް އަދި ކޯލިޝަން ތެރޭގައި ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ މަޝްވަރާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުނގަޑަށް އިނގޭ ގާސިމް ވެސް މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން އެބަހުރިކަން. އަދި އަޅުނގަޑުމެން ގާސިމާ އެކީ އިތުރަށް އިރާދަކުރެއްވިއްޔާ ކޯލިޝަން ތެރޭގައި ވާހަކަ ދައްކާނަން،" ރައީސް ވިދާޅުވި އެވެ.